އެމެރިކާގެ ވޮޝިންގޓަން ޑީސީގައި ހުންނަ ޖޫދީ މިއުޒިއަމްގެ ކައިރީގައި ބަޑިން ހަމަލާދީ އެމެރިކާގައި ހުންނަ އިސްރާއީލް އެމްބަސީގެ ދެ މުވައްޒަފުކު މަރާލާފައިވާކަމަށް ބައިނަލްއަގްވާމީ މީޑިއާއިން ބުނެފިއެވެ.

ބައިނަލް އަގްވާމީ ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި ބުދަ ދުވަހުގެ ރޭ އެމެރިކާގެ ވޮޝިންގޓަން ޑީސީގައި ހުންނަ ޖޫދީ މިއުޒިއަމެއްގައި ބޭއްވި ހަފްލާއަކުން ނުކުތް، އެމެރިކާގައި ހުންނަ އިސްރާއީލް އެމްބަސީގެ 2 މުވައްޒަފެއްގެ ގަޔަށް ބަޑި ޖަހައި ވަނީ މަރާލާފައެވެ.

Ad
rt

އިސްރާއީލްގެ ފޮރިން މިނިސްޓަރު ގިޑިއަން ސާރު އާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުގައި މި ދެ މީހުންނަކީ ޔާރޮން ލިޝިންސްކީ އާއި ސާރާ މިލްގްރިމް ނަމަކަށް ކިޔާ ދެ މީހުންނެވެ. މީގެ ތެރެއިން ލިޝިންސްކީއަކީ ރިސާރޗް އެސިސްޓެންޓެކެވެ. އަދި މިލްގްރިމްއަކީ އިޒްރޭލަށް ކުރާ ޒިޔާރަތްތަކާއި މިޝަންތައް އިންތިޒާމުކުރާ މީހެކެވެ.

އެމީހުން ޖޫދީ މިއުޒިއަމްގައި ބޭއްވުނު ހަފްލާއަކުން ނުކުތުމުން 4 މީހުންގެ ގްރޫޕެއް އެ ދެ މީހުން ކައިރިއަށް ގޮސް، އެތަނުން އެކަކު އެ ދެ މީހުންގެ ގަޔަށް ބަޑި ޖެހީކަމަށް މެޓްރޮޕޮލިޓަން ޕޮލިސްގެ އިސްވެރިޔާ ޕަމެލާ ސްމިތު ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވެއެވެ.

ބަޑިޖެހި މީހާއަކީ ޗިކާގޯއަށް ނިސްބަތްވާ 30 އަހަރުގެ އެލިއަސް ރޮޑްރިގެޒް ކަމަށް ފުލުހުން ބުނެފައިވާއިރު، އޭނާ ބަޑިޖެހުމުގެ ކުރިން މިއުޒިއަމްގެ ބޭރުގައި އެކި ދިމަދިމާލަށް ހިނގާފައިވާ ތަން ފެނިފައިވާ ކަމަށާއި، ބަޑިޖެހުމަށްފަހު މިއުޒިއަމަށް ވަނުމުން ސެކިއުރިޓީން އޭނާ ހިފަހައްޓާފައިވާ ކަމަށް މެޓްރޮޕޮލިޓަން ޕޮލިސްގެ އިސްވެރިޔާ ޕަމެލާ ސްމިތު ބުނެފަވެއެވެ.

މި މައްސަލާގައި އެމީހާ ހައްޔަރުކުރުމުން ''ފްރީ ފަލަސްތީން'' އޭ ގޮވައި ހަޅޭއްލަވަން ކަމަށް ވެސް މެޓްރޮޕޮލިޓަން ޕޮލިސްގެ އިސްވެރިޔާ ބުނެފަވެއެވެ.

އޭނާ ބުނެފައިވާގޮތުގައި މި ކަމުގެ ސަބަބުން މުޖުތަމަޢުއަށް ދެމިގެންދާ ނުރައްކަލެއް އޮތްކަމަކަށް ލޯ އެންފޯސްމަންޓުން ނުދެކެއެވެ.

މި ހަމަލާއާ ގުޅިގެން އިސްރާއީލްގެ މިޝަންތަކުގެ ސަލާމަތީ ފިޔަވަޅުތައް ވަނީ ހަރުދަނާކޮށްފައެވެ. މި ބަޑިޖެހުން ހިނގާފައިވަނީ އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ބޮޑު ހަނގުރާމައެއްގެ ތެރޭގައި މެދުއިރުމަތީގައި އަދި ބައިނަލްއަޤްވާމީ ގޮތުން ހަލަބޮލިކަން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.