ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތައް ކައިރީގައި ހިންގި މާރާމާރީއަކާ ގުޅިގެން ހައްޔަރުކުރެވުނު 18 އަހަރުގެ ޒުވާނަކު ތަހުޤީގު އަދި ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރެވުނު މއ. ޝެލްޓާ، މުހައްމަދު ރައިހާން ހުސައިން (18 އަހަރު) ވަނީ ރޭ 11:30 ހާއިރު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރެވިފައެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ތަހުގީގާއި ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް (ވާނުވާ ބަންދު) ކޯޓުން ވަނީ އަމުރުކޮށްފައެވެ.

Ad
rt

ފުލުހުން ދެއްވި މައުލޫމާތުގައިވާ ގޮތުން، މިދިޔަ ހޯމަ ދުވަހުގެ ރޭ 11:50 ހާއިރު ހިންގުނު މި މާރާމާރީގައި ދެ މީހަކަށް ވަނީ އަނިޔާވެފައެވެ. އެގޮތުން މީހެއްގެ ބޯ ފަޅައިގެން ގޮސްފައިވާއިރު، އަނެއް މީހާގެ ބުރަކަށީގެ އެކި ތަންތަނުން ދުޅަވެ، ދެ އަތުގެ އުޅަބޮށި މަށައިގެން ގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއްވިއެވެ.

މި ހާދިސާގައި އަނިޔާވި ދެ މީހުންނަށް ފަރުވާ ދިނުމަށްޓަކައި ހުޅުމާލެ ހޮސްޕިޓަލަށް ގެންދެވުނު ނަމަވެސް، އެ މީހުން ހޮސްޕިޓަލުން ދޫކޮށްލާފައިވާކަން އަދި ކަށަވަރު ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ. މީގެއިތުރުން މާރާމާރީ ހިންގި ފަރާތްތަކުން ވަނީ އަނިޔާވި ފަރާތްތަކުގެ ދެ މޯބައިލް ފޯނު ފޭރިގަނެފައެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މި މައްސަލައިގެ ތަހުގީގު މިހާރުވެސް ދަނީ ކުރިއަށެވެ.