އިސްރާއީލުން ޣައްޒާގައި ހިންގާ އަނިޔާވެރި ޢަމަލުތައް އިންތިހާއަށް ގޮސްފައިވާއިރު، އިސްރާއީލުގެ ޢަމަލުތަކާއި ގުޅިގެން އެ ޢަމަލުތައް ވަރަަށް ބޮޑަށް ކުށްވެރިކޮށް، އިސްރާއީލުގެ ޢަމަލުތަކާމެދު ހިމޭނުން ނުތިބޭނެކަމަށާއި، ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް ހުޅަނގުގެ ތިން ޤައުމަކުން ބުނެފިއެވެ.
މިގޮތުން ފަރަންސޭސި ވިލާތާއި، އިނގިރޭސި ވިލާތް އަދި ކެނެޑާގެ ލީޑަރުން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ޣައްޒާގައި އާއި ހުޅަނގު އައްސޭރީ އިސްރާއީލްގެ ހަނގުރާމަ ފުޅާކުރުމާމެދު އެ ޤައުމުތައް ވަރަށްބޮޑަށް ދެކޮޅު ކަމަށެވެ. އަދި އިސްރާއީލްގެ ހަނގުރާމައިގެ ޢަމަލުތަކާއި ދެކޮޅަށް އެ ޤައުމުތަކުން ގަދައަޅައި މަސައްކަތްކުރާނެކަމަށް ވެސް ބުނެފަވެއެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ، ޣައްޒާގައި އިންސާނުންނަށް ދިމާވެފައިވާ ދަތިތަކަކީ ބަރުދާސްތު ކުރެވޭވަރުގެ ކަމެއްނޫނެވެ. އަދި އިއްޔެ އިސްރާއީލުން އިޢުލާނުކުރި ގޮތުގައި ޣައްޒާއަށް ކާބޯތަކެތީގެ އަސާސީ މިންވަރެއް ވައްދާނެ ކަމަށް ބުނި ބުނުމަކީ އެއްގޮތަކަށްވެސް އެކަށީގެންވާ ކަމެއް ނޫންކަމަށް ވެސް ބުނެފަވެއެވެ.
''އަހަރުމެން އިސްރާއީލުގެ ސަރުކާރަށް ގޮވާލަނީ ޣައްޒާގައި ހިންގަމުންދާ ހަނގުރާމަވެރި ޢަމަލުތައް ހުއްޓާލައި، ވަގުތުން ވަގުތަށް އިންސާނީ އެހީ ޣައްޒާއަށް ވަނުމަށް ހުއްދަ ދިނުމަށެވެ. މީގެ ތެރޭގައި އިންސާނިއްޔަތުކަމުގެ އުސޫލުތަކާ އެއްގޮތަށް އެހީ ފޯރުކޮށްދިނުމަށް އދ. އާއެކު މަސައްކަތްކުރުން ހިމެނެއެވެ. އަހަރުމެން ހަމާސްއަށް ގޮވާލަނީ 7 އޮކްޓޯބަރު 2023 އިން ފެށިގެން އެހާ އަނިޔާވެރިކަމާއެކު ހިފަހައްޓާފައިވާ ބާކީ ހުރި ރަހީނުން ވަގުތުން ދޫކޮށްލުމަށެވެ.'' އެ ބަޔާނުގައި ބުނެފަވެއެވެ.
އެ ޤައުމުތަކުން ބުނެފައިވާގޮތުގައި އިސްރާއީލުގެ ސަރުކާރުން ޢާންމު ރައްޔިތުންނަށް އަސާސީ އިންސާނީ އެހީ ދިނުމަށް އިންކާރުކުރުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫނެވެ. އަދި މިއީ ބައިނަލްއަޤްވާމީ އިންސާނިއްޔަތުކަމުގެ ޤާނޫނާ ޚިލާފުވުމުގެ ނުރައްކަލެއް އޮތް ކަމެއްކަމަށް ވެސް ބުނެފަވެއެވެ.
އިސްރާއީލު ސަރުކާރުގެ މެންބަރުން ފަހަކަށްއައިސް ބޭނުންކުރި ހަޑިހުތުރު ބަހުރުވަ ކުށްވެރިކުރާކަމަށާއި، ޣައްޒާ ހަލާކުކޮށްލައި، ޢާންމުން އެހެން ތަންތަނަށް ބަދަލުވުމަށް މަޖުބޫރުކޮށް ބިރުދެއްކުން ކުށްވެރިކުރާކަމަށް އެ ޤައުމުތަކުން ބުނެފަވެއެވެ. އަދި މަޖުބޫރުން ދާއިމީކޮށް ތަންތަނުން ނެރުމަކީ ބައިނަލްއަޤްވާމީ އިންސާނިއްޔަތުކަމުގެ ޤާނޫނާ ޚިލާފު ކަމެއްކަމަށް ވެސް ބުނެފަވެއެވެ.
އިސްރާއީލަށް 7 އޮކްޓޯބަރުގައި ކުރިމަތިވީ ރަނގަޅުކަމެއްނޫންކަމަށާއި، އެ ޤައުމުތަކުން އަބަދުވެސް ތާއީދުކޮށްފައިވަނީ އިސްރާއީލުން ''އިސްރާއީލީން ޓެރަރިޒަމުން ދިފާޢުކުރުމުގެ ޙައްޤަށް'' ކަމަށް އެ ބަޔާނުގައި ބުނެފައިވާއިރު، އެހެންނަމަވެސް އިސްރާއީލުގެ މިހާރުގެ ޢަމަލުތަކަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ދަރަޖައިގައިވާކަމެއްނޫންކަމަށް އެ ޤައުމުތަކުން ބުނެފަވެއެވެ.
''އަހަރުމެން ހަނުހުންނާކަށް ނެތީމެވެ. ނެތަނިޔާހޫ ސަރުކާރުން މި ނުބައި ޢަމަލުތައް ކުރިއަށް ގެންދާއިރު އިސްރާއީލުން އަލުން ފެށި ހަނގުރާމަވެރި ޢަމަލުތައް ހުއްޓާނުލައި އަދި އިންސާނީ އެހީއަށް ކޮށްފައިވާ ހަނިކުރުންތައް ނުނަގައިފިނަމަ، އަހަރުމެން އިތުރު ޢަމަލީ ފިޔަވަޅުތައް އަޅާނަމެވެ. އަހަރުމެން ވެސްޓް ބޭންކުގައި އާބާދީތައް އިތުރުކުރުމުގެ އެއްވެސް މަސައްކަތަކާ ދެކޮޅަށް މަސައްކަތްކުރަމެވެ. އިސްރާއީލުން އާބާދީތައް އިތުރުކުރުން ހުއްޓާލަންޖެހެއެވެ. އެއީ ޤާނޫނާ ޚިލާފު ކަމަކަށްވެފައި، ފަލަސްޠީނު ދައުލަތެއްގެ ދެމިހުރުމަށާއި އިސްރާއީލީންނާއި ފަލަސްޠީނީންގެ ސަލާމަތަށް ހުރަސްއެޅޭ ކަމެކެވެ. އަހަރުމެން ފަސްޖެހުމެއްނެތި އިތުރު ފިޔަވަޅުތަކެއް އަޅާނަމެވެ. އޭގެ ތެރޭގައި އަމާޒުކުރެވިގެންވާ ފިޔަވަޅުތައްވެސް ހިމެނެއެވެ.'' އެ ބަޔާނުގައި ބުނެފަވެއެވެ.
އެ ޤައުމުތަކުން ބުނެފައިވާގޮތުގައި އެ ޤައުމުތަކުން ބޮޑަށް ތާއީދުކުރަނީ އެމެރިކާ، ޤަޠަރު އަދި މިޞްރުން ޣައްޒާގައި ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ކުރަމުންދާ މަސައްކަތްތަކަށެވެ. ހަނގުރާމަ ހުއްޓާލުމާއި، ބާކީ ތިބ ރަހީނުން ދޫކޮށްލުމާއި، ދިގު މުއްދަތުގެ ސިޔާސީ ޙައްލެއް ހޯދުމަކީ ރަހީނުންނާއި އެމީހުންގެ ޢާއިލާތަކުގެ ވޭނަށް ނިމުމެއް ގެނައުމަށާއި، ޣައްޒާގެ ޢާންމުންގެ ދަތިތައް ލުއިކޮށްދިނުމަށާއި، ހަމާސްގެ ބާރު ޣައްޒާއިން ނިމުމަކަށް ގެނައުމަށާއި، ދެ ދައުލަތުގެ ޙައްލަކަށް މަގުފަހިކުރުމަށް އޮތް އެންމެ ރަނގަޅު އުންމީދުކަމަށް އެ ޤައުމުތަކުން ބުނެފަވެއެވެ.
''މިއީ 18 ޖޫންގައި ނިއު ޔޯކުގައި ބޭއްވުނު ސަޢޫދީ ޢަރަބިއްޔާ އާއި ފްރާންސްގެ އިސްނެގުމުގެ ދަށުން ބޭއްވުނު ބައްދަލުވުމުގެ ލަނޑުދަނޑިތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މި މަޝްވަރާތައް ކާމިޔާބުވާން ޖެހެއެވެ. އަދި އަހަރުމެން އެންމެން މަސައްކަތްކުރަންޖެހެނީ ދެ ދައުލަތުގެ ޙައްލެއް ތަންފީޒުކުރުމަށެވެ. އެއީ އިސްރާއީލީންނާއި ފަލަސްޠީނީންނަށް ދިގު މުއްދަތުގެ ސުލްޙައާއި ސަލާމަތްތެރިކަން ގެނެސްދިނުމަށް އޮތް ހަމައެކަނި މަގެވެ. އަދި އެ ސަރަޙައްދުގައި ދިގު މުއްދަތުގެ އިސްތިޤްރާރު ކަށަވަރުކުރުމަށް އޮތް މަގެވެ.'' އެ ބަޔާނުގައި އިތުރަށް ބުނެފަވެއެވެ.
އެ ޤައުމުތަކުން ކުރިއަށް ގެންދާނީ ފަލަސްޠީނު މައި ވެރިކަމާއި، ސަރަޙައްދީ ބައިވެރިންނާއި، އިސްރާއީލު އަދި އެމެރިކާ އާއެކު މަސައްކަތްކުރުމަށް ކަމަށް ވެސް އެ ބަޔާނުގައި ބުނެފަވެއެވެ. އަދި އޭގެ ބޭނުމަކީ ޣައްޒާގެ މުސްތަޤްބަލާ ގުޅޭ އިންތިޒާމުތަކާ މެދު އެއްބަސްވުމަކަށް އައުމަށް ކަމަށް ވެސް ބުނެފަވެއެވެ.
އެ ޤައުމުތަކުން ބުނިގޮތުގައި މިކަން ބިނާވެގެންވަނީ ޢަރަބި ޕްލޭނުގެ މައްޗަށެވެ. އަދި ޖޫންމަހު އދ. ގައި ބޭއްވުނު މަތީ ފެންވަރުގެ ދެ ދައުލަތުގެ ޙައްލާ ގުޅޭ ކޮންފަރެންސްގެ މަޤްޞަދާ ގުޅޭގޮތުން ބައިނަލްއަޤްވާމީ އެއްބަސްވުމެއް ބިނާކުރެވޭކަން އެ ޤައުމުތަކުން ޔަގީންކުރާނެކަމަށް ވެސް ބުނެފަވެއެވެ.
''އަހަރުމެން ވަޢުދުވަމެވެ. ދެ ދައުލަތުގެ ޙައްލެއް ހާސިލުކުރުމަށް އެޅޭ ފިޔަވަޅެއްގެ ގޮތުން ފަލަސްޠީނު ދައުލަތެއް ގަބޫލުކުރުމަށެވެ. އަދި މި މަޤްޞަދު ހާސިލުކުރުމަށް އެހެން ފަރާތްތަކާއެކު މަސައްކަތްކުރުމަށް ތައްޔާރަށް ތިބީމެވެ.'' ފަރަންސޭސި ވިލާތާއި، އިނގިރޭސި ވިލާތް އަދި ކެނެޑާގެ ލީޑަރުން ނެރުނު ގުޅިފައިވާ ބަޔާނުގައި ބުނެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!