ޗައިނާގެ ވޫހާން ސިޓީގައި ތިބި ދިވެހިން ކަރަންޓީން ކުރާނީ އިންޑިއާގައި ކަމަށް ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވެއްޖެއެވެ.

ވޫހާން ސިޓީއަކީ ކޮރޯނާވައިރަސް ފެތުރެންފެށި ސިޓީއެވެ. އެސިޓީގައި މިހާރުވެސް ދަނީ ހަލުވިކަމާއެކު ނޮވެލް ކޮރޯނާ ވައިރަސް ފެތުރެމުންނެވެ.

Ad
rt

މިނިސްޓަރ ޝާހިދު ވިދާޅުވީ ކޮރޯނާވައިރަސްގެ ނުރައްކަލުގެ ސަބަބުން ޗައިނާގެ ވޫހާން ސިޓީގައި ތާށިވެފައި ތިބި ހަތް ދިވެހިން މިހާރު ތިބީ އިންޑިއާއަށް ގެންދިއުމުގެ މަގުމަތީގައި ކަމަށެވެ.

ވޫހާންގައި ތިބި 7 ދިވެހިން ގެންދާނީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީއަށްކަމަށާއި، އެމީހުން ގެންދާނީ އެއަރ އިންޑިއާގެ ޚާއްޞަ ފްލައިޓެއްގައި ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވެފައި ވެއެވެ. އަދި ވަކި މުއްދަތެއް ވަންދެން އެމީހުން އިންޑިއާގައި ކަރަންޓީނު ކުރެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިންޑިއާއިން މިކަމުގައި ވީ އެހީތެރިކަން ފާހަގަކޮށް މިނިސްޓަރ ޝާހިދު ވަނީ، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއަށާއި އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ ސުބްރަމާނިޔަމް ޝަންކަރުގެ އިތުރުން އިންޑިއާގެ ކަމާބެހޭ ފަރާތްތަކަށް ޝުކުރުއަދާ ކުރައްވާފައެވެ.

މީގެއިތުރުން ޗައިނާގެ ހޫބޭ ޕްރޮވިންސް ގެ ކަމާބެހޭ ފަރާތްތަކާއި ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ޒަންގް ލީ ޖޮންގްގެ އިތުރުން ދިވެހިރާއްޖެއިން ޗައިނާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޢާއިޝަތު އަޒީމާއަށް ދެއްވި އެއްބާރުލުމަށް މިނިސްޓަރ ވަނީ ޝުކުރުއަދާ ކުރައްވާފައެވެ.