މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 900،000 އަށް ވުރެ މައްޗަށް ގޮސްފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 901،210 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 8 އިންސައްތައިގެ އިތުރުވުމެކެވެ.

Ad
rt

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ހިސާބުތަކުން ދައްކާގޮތުގައި މިހާރު ދުވާލަކު އެވްރެޖްކޮށް 5،000 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރެއެވެ. ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 71 އިންސައްތަ ނުވަތަ 640،026 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. އަދި 23.5 އިންސައްތަ ނުވަތަ 211،584 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ގެސްޓްހައުސްތަކުގައެވެ.

މީގެއިތުރުން، ހޮޓާތަކުގައި ޗުއްޓީ ހޭދަކޮށްފައިވަނީ ޖުމްލަ ފަތުރުވެރިންގެ 3 އިންސައްތަ ނުވަތަ 26،634 ފަތުރުވެރިންނެވެ. އަދި ޓޫރިސްޓު ވެސަލް ނުވަތަ ސަފާރީތަކުގައި ޗުއްޓީ ހޭދަކުރުމަށް 2.5 އިންސައްތަ ނުވަތަ 22،380 ފަތުރުވެރިން ގޮސްފައިވެއެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ މަތީ ސަފުގައި ހިމެނޭ 10 ގައުމުގެ ތެރޭގައި ޗައިނާ، ރަޝިޔާ، އިނގިރޭސިވިލާތް، އިޓަލީ، ޖަރުމަނު، އިންޑިއާ، ފްރާންސް، އެމެރިކާ، ސްވިޓްޒަލޭންޑް އަދި ޕޮލެންޑް ހިމެނެއެވެ. މީގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިން ކަމަށްވާއިރު، އެއީ 103،072 ފަތުރުވެރިންނެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން އިތުރަށް ދައްކާގޮތުގައި މި އަހަރުގެ މިހާތަނަށް އެވްރެޖްކޮށް ދުވާލަކު 6،725 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މި ހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރަމުންދާކަން ފާހަގަކުރެވެއެވެ.

ރާއްޖޭގައި މިވަގުތު ފަތުރުވެރިކަމަށް 175 ރިސޯޓާއި 832 ގެސްޓްހައުސް އާއި 158 ސަފާރީ އުޅަނދު އަދި 16 ހޮޓާ ދަނީ ހިންގަމުންނެވެ.