ކުވެއިތާއި ދިވެހިރާއްޖެއާ ދެމެދު ވިޔަފާރީގެ ގުޅުން ފާއިތުވި ދިހަ އަހަރުގެ ތެރޭގައި ފާހަގަކުރެވޭ މިންވަރަކަށް ވަރުގަދަވެފައިވާކަމަށް ކޭސީސީއައި އިން ނެރުނު ނޫސްބަޔާނެއްގައި ހާމަކޮށްފިއެވެ. ޚާއްޞަކޮށް ކުވެއިތުން ދިވެހިރާއްޖެއަށް ކުރާ އެކްސްޕޯޓް ވަނީ މިދިޔަ އަހަރުތަކުގައި އެތައް ގުނައަކަށް އިތުރުވެފައެވެ.
ކުވެއިތުގެ ވަފުދެއް ދިވެހިރާއްޖެއަށް ކުރި ޒިޔާރަތާ ގުޅިގެން ބޭއްވުނު ބައްދަލުވުމެއްގައި ކޭސީސީއައި އިން ވަނީ މި ޒިޔާރަތަށް ޝުކުރު އަދާކޮށްފައެވެ. މި ޒިޔާރަތަކީ ދެ ޤައުމުގެ ދެމެދު އޮތް ގުޅުން ވަރުގަދަވަމުން އަންނަކަން ދައްކުވައިދޭ ކަމެއްކަމަށް ނޫސްބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
"ކުވެއިތާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގުޅުމަކީ ރަޙުމަތްތެރިކަމާއި، އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމްކުރުމާއި، އިޤްތިޞާދީ އަދި ޘަޤާފީ ގޮތުން އެއްބާރުލުން ދިނުމުގެ އުންމީދުތަކުގެ މައްޗަށް ބިނާވެފައިވާ ގުޅުމެކެވެ،" ކޭސީސީއައި ގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
ދެ ޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަވަނީ އެ ދެ ޤައުމުގެ ތަފާތު ވަރުގަދަ ދާއިރާތަކުގެ ސަބަބުންކަމަށް ނޫސްބަޔާނުގައި ފާހަގަކޮށްފައިވެއެވެ. ދިވެހި ކުންފުނިތަކުގެ ފަތުރުވެރިކަމާއި ކަނޑުގެ ޞިނާޢަތުގެ ތަޖުރިބާއާއި ހުނަރަކީ ކުވެއިތުގެ އިންވެސްޓަރުންގެ ޝައުޤުވެރިކަން ހޯދާ ކަންކަމެވެ. އަދި ކުވެއިތުގެ ކުންފުނިތަކަކީ މާލީ، ލޮޖިސްޓިކްސް، ޞިއްޙީ ޚިދުމަތް، އަދި ހަކަތައިގެ ދާއިރާތަކުގައި ކުރިއަރާފައިވާ ކުންފުނިތަކެއްކަމަށްވުމުން، މިއީ ފައިދާހުރި އެއްބާރުލުމާއި އިންވެސްޓްމަންޓަށް ވަރުގަދަ ބިންގަލެއް އަޅައިދޭ ކަންކަމެވެ.
ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލް ވަނީ ދިވެހިރާއްޖޭގައި ހުރި އެންމެ ފާހަގަކޮށްލެވޭ އިންވެސްޓްމަންޓް ފުރުޞަތުތަކުގެ މަޢުލޫމާތު ދެއްވާފައެވެ.
"ދިވެހިރާއްޖޭގައި ފަތުރުވެރިކަން، އިންވެސްޓްމަންޓް، ތަފާތު ހަކަތަ، ލޮޖިސްޓިކްސް، ބަނދަރުތައް، ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް، ދަނޑުވެރިކަން، އަދި މަސްވެރިކަމުގެ ދާއިރާތަކުގައި ގިނަގުނަ ފުރުޞަތުތަކެއް ހުރިކަން" ފޮރިން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ކުވެއިތުގެ ވަފުދުގެ ޒިޔާރަތާ ގުޅިގެން ދެ ޤައުމުގެ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާވެ، ކުރިއަށް އޮތް އަހަރުތަކުގައި ދެ ޤައުމުގެ މެދުގައި އިތުރު އިންވެސްޓްމަންޓްތަކާއި ވިޔަފާރީގެ މުޢާމަލާތްތައް އިތުރުވާނެކަމަށް އުންމީދުކުރެވެއެވެ.
ކޭސީސީއައި ގެ ނޫސްބަޔާނުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، ދެ ޤައުމުގެ މެދުގައި ވިޔަފާރީގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށްޓަކައި ކުރިއަށް އޮތްތާނގައި އިތުރު ބައްދަލުވުންތަކާއި މަޝްވަރާތައް ބޭއްވުމަށް ވަނީ ރޭވިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!