އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ ބައްދަލުކުރި މެޗު ކާމިޔާބުކޮށް، އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުން ޖާގައެއް ހޯދުމަށް ޗެލްސީން ކުރަމުން އަންނަ އުންމީދު ބޮޑުކޮށްފިއެވެ. ރޭ ޗެލްސީގެ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދާފައިވަނީ 1-0 ގެ ނަތީޖާއިންނެވެ.
ލީގުގައި މިހާތަނަށް ޔުނައިޓެޑުން 37 މެޗު ކުޅެފައިވާއިރު އެ ޓީމަށް ލިބިފައިވަނީ 39 ޕޮއިންޓެވެ. މިވަގުތު އެ ޓީމް އޮތީ ޕޮއިންޓް ތާވަލުގެ 16 ވަނާގައެވެ. ލީގުގައި އެންމެ ފަހުން ކުޅުނު 8 މެޗުގައި ވެސް ޔުނައިޓެޑަށް މޮޅެއް ހޯދިފައި ނުވެއެވެ. ރޭ މެޗަކީ ޔުނައިޓެޑް ލީގުގައި ބަލިވި 18 ވަނަ މެޗެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 71 ވަނަ މިނެޓްގައި ޗެލްސީ އަށް ޖަހައިދިނީ، ރީސް ޖޭމްސް ނަގައިދިން ހުރަހަކުން މާކް ކުކުރޭއާއެވެ.
ލީގުގެ 17 ވަނާގައި އޮތް ޓޮޓެންހަމް 2-0 ގެ ނަތީޖާއިން ބަލިކޮށް އެސްޓަން ވިލާއިން ވެސް ވަނީ ޗެމްޕިއަންސް ލީގުން ޖާގަ ހޯދުމަށް ފުރުސަތު ބޮޑުކޮށްފައެވެ.
ޕޮއިންޓް ތާވަލުގެ ހަތަރު ވަނާގައި ޗެލްސީ އޮތީ 37 މެޗުން 66 ޕޮއިންޓް ހޯދައިގެންނެވެ. ފަސްވަނާގައި އޮތް އެސްޓަން ވިލާއަށް ވެސް ވަނީ 66 ޕޮއިންޓް ލިބިފައެވެ. ތިންވަނާގައި އޮތް ނިއުކާސަލަށް 36 މެޗުން 66 ޕޮއިންޓް ލިބިފައިވާއިރު ދެވަނާގައި އޮތް އާސެނަލަށް 36 މެޗުން ވަނީ 68 ޕޮއިންޓް ލިބިފައެވެ. ޗެމްޕިއަންސް ލީގުގެ ޖާގައަކަށް ވާދަކުރާ މެންޗެސްޓާ ސިޓީ ހަވަނާގައި އޮތީ 36 މެޗުން 65 ޕޮއިންޓް ހޯދައިގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!