ސައުދީ އަރަބިއްޔާގެ ޤައުމީ ޓީމުން ރީޖެނެރޮން އިންޓަރނޭޝަނަލް ސައިންސް އެންޑް އިންޖިނިއަރިންގ ފެއަރ (އައިއެސްއީއެފް 2025) އިން 23 އެވޯޑެއް ހޯދައިފިއެވެ. މީގެ ތެރޭގައި 14 ގްރޭންޑް ޕްރައިޒާއި 9 ސްޕެޝަލް އެވޯޑު ހިމެނެއެވެ.

މި މުބާރާތް ބޭއްވާފައި ވަނީ މެއި 10 އިން 16 އަށް އޮހައިއޯގެ ކޮލަމްބަސްގައެވެ.

Ad
rt

70 ޤައުމަކުން 1،700 އަށްވުރެ ގިނަ ބައިވެރިން ވާދަކުރި މި މުބާރާތުގައި ސައުދީގެ ތިން ދަރިވަރަކު ދެވަނަ ހޯދައި، ފަސް ދަރިވަރަކު ތިންވަނަ ހޯދައި، އަދި ހަ ދަރިވަރަކު ހަތަރުވަނަ ހޯދާފައިވެއެވެ. މި އިނާމުތަކުން ދައްކުވައިދެނީ ސައިންސާއި އިނޮވޭޝަންގެ ދާއިރާގައި ސައުދީ އަރަބިއްޔާގެ ބައިނަލްއަޤްވާމީ ހާޒިރީ އިތުރުވަމުންދާކަމެވެ.

މިއަހަރުގެ ވަފުދުގައި ހިމެނޭ 40 ދަރިވަރުން ހުށަހެޅި މަޝްރޫޢުތަކުގެ ތެރޭގައި ހަކަތަ، ތިމާވެށީގެ އިންޖިނިއަރިންގ، މެޑިކަލް ސައިންސަސް، ޕްލާންޓް ސައިންސަސް އަދި މެޓީރިއަލްސް ސައިންސްގެ ދާއިރާތަކުން އެންމެ ޒަމާނީ މަޝްރޫޢުތައް ހިމެނެއެވެ.

2007 ގައި އައިއެސްއީއެފްގައި ފުރަތަމަ ބައިވެރިވީއްސުރެ ސައުދީ އަރަބިއްޔާއިން މިހާތަނަށް ޖުމުލަ 183 އިނާމު ހޯދާފައިވެއެވެ. މީގެ ތެރޭގައި 124 ގްރޭންޑް ޕްރައިޒާއި 59 ސްޕެޝަލް އެވޯޑު ހިމެނެއެވެ.

ކިންގ އަބްދުލްއަޒީޒް އެންޑް ހިޒް ކޮމްޕޭނިއަންސް ފައުންޑޭޝަން ފޯ ގިފްޓެޑްނެސް އެންޑް ކްރިއޭޓިވިޓީ (މަވްހިބާ) ގެ އެކްޓިންގ ސެކްރެޓަރީ ޖެނެރަލް ޑރ. ޚާލިދު އަލް-ޝަރީފް ވިދާޅުވީ މި ކާމިޔާބީއަކީ މަވްހިބާއާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި އަދި އެހެނިހެން ޤައުމީ ބައިވެރިންގެ މެދުގައި އޮތް އިސްތިރާތީޖީ އެއްބާރުލުމުގެ ނަތީޖާއެއް ކަމަށެވެ.

ޒުވާން ހުނަރުވެރިން ތަރައްޤީކޮށް، ބައިނަލްއަޤްވާމީ ފެންވަރުގައި ސައުދީ އަރަބިއްޔާގެ ސައިންސްގެ ތަޖުރިބާ ދެއްކުމުގައި މިފަދަ ޕާޓްނަރޝިޕްތަކުގެ މުހިންމުކަން ޑރ. ޚާލިދު ފާހަގަކުރެއްވިއެވެ.