މިއަދު ހެނދުނު ހުޅުމާލޭގެ ނިރޮޅުމަގުން ކުޑަކުއްޖަކު ގޮވައިގެން މަގު ހުރަސްކުރަމުންދިޔަ މީހެއްގެ ގަޔަށް ސައިކަލަކުން ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 9:23 ހާއިރުގައި ކަމަށް ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދީފައިވެއެވެ.
މި އެކްސިޑެންޓުގައި ސައިކަލު ދުއްވި މީހާގެ ވާ އަތު ކޮނޑު ހުޅުން ބިންދި، ކަނާތު ފައިތިލަ މަތި މަށައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މީގެ އިތުރުން މަގު ހުރަސްކުރި އަންހެން މީހާގެ ވާ އަތު އުޅަނބޮށި މަށައިގެން ގޮސްފައިވާ ކަމަށާއި އަދި އޭނާ ގޮވައިގެން ދިޔަ 1 އަހަރާއި 8 މަސްވެފައިވާ ކުޑަކުއްޖާ ބޯ ދުޅަވެފައިވާ ކަމަށްވެސް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
މި ހާދިސާގައި ޒަޚަމްވި ދެ މީހުންނާއި ކުޑަކުއްޖާއަށް ފަރުވާ ދިނުމަށްޓަކައި ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އެ އެކްސިޑެންޓުގެ ވީޑިއޯއެއް މީސް މީޑިއާގައި އާންމުވެފައިވާއިރު، ވީޑިއޯއިން ފެންނަނީ އަންހެން މީހާ ނިރޮޅުމަގު ހުރަސްކުރަނިކޮށް، ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލެއް ގޮސް އޭނާގެ ގައިގައި ޖެހޭ މަންޒަރެވެ. ވީޑިއޯ އިން ފެންނަގޮތުގައި އެ އަންހެން މީހާ މަގު ހުރަސްކުރީ ކަފިހި ހުރަސްމަތިންނެއް ނޫނެވެ. ފާހަގަކޮށްލެވޭގޮތުގައި ކަފިހިހުރަސް މަތިން ހުރަސް ކުރަނިކޮށް ވެސް މިފަދަ އެކްސިޑެންޓެއް ހިނގާފައިވެއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!