އިޓާލިއަން ކަޕް ފައިނަލުގައި އޭސީ މިލާން ބަލިކޮށް، ޗެމްޕިއަންކަން ހޯދައި ބޮލޯނިއާ އިން ބައި ގަރުނަށް ފަހު ތަށްޓެއް ކާމިޔާބު ކޮށްފިއެވެ. ރޭ ކުޅުން ފައިނަލް މެޗު ބޮލޯނިއާއިން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ.

އެންމެ ފަހުން ބޮލޯނިއާއަށް ތައްޓެއް ކާމިޔާބު ކުރެވިފައި ވަނީ 1974 ވަނަ އަހަރުއެވެ. އެ އަހަރު ވެސް އެ ޓީމުން ކާމިޔާބުކުރީ އިޓާލިއަން ކަޕެވެ. އޭގެ ފަހުން ފާއިތުވެގެން ދިޔަ ބައި ގަރުނެއްހާ ދުވަހު އެ ޓީމަށް އޮތީ ތައްޓެއްގައި އަތްނުލެވިއެވެ. މިއީ އެ ޓީމްގެ ސަޕޯޓަރުންނަށް ލިބިގެންދިޔަ ހާއްސަ ކާމިޔާބީއެކެވެ.

Ad
rt

ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 53 މިނިޓުގައި ބޮލޯނިއާ އަށް ޖަހައިދިނީ ޑޭން އެންޑޯޔޭއެވެ.

2003 ވަނަ އަހަރުގެ ފަހުން އޭސީ މިލާނަށް އިޓާލިއަން ކަޕް ކާމިޔާބު ކުރެވިފައިނުވާއިރު، އޭގެ ފަހުން ވެސް މިލާނުން ވަނީ ތިންފަހަރެއްގެ މަތީން އިޓާލިއަން ކަޕްގެ ފައިނަލުގައި ކުޅެފައެވެ. އެއީ 2016 ވަނަ އަހަރާއި 2018 ވަނަ އަހަރުގެ އިތުރުން މި އަހަރެވެ. މި ތިން ފައިނަލުން ވެސް މިލާން ވަނީ ބަލިވެފައެވެ.

މިއީ، މި ސީޒަނުގައި، ބޮލޯނިއާގެ ކޯޗުކަމާ ހަވާލުވި ވިންޗެންޒޯ އިޓަލިއާނޯގެ ފުރަތަމަ ތަށްޓެވެ. މިދިޔަ ތިން ސީޒަނުގައި ފިއޮރެންޓީނާއާ އެކު، އޭނާ ވަނީ ތިން ފައިނަލުން ބަލިވެފައެވެ.

އިޓާލިއަން ކަޕް ކާމިޔާބު ކުރުމާއެކު ކުރިއަށް އޮތް ސީޒަނުގައި ޔޫރޮޕާ ލީގުގެ ޖާގައެއް ބޮލޯނިއާ އަށް ވަނީ ކަށަވަރުވެފައެވެ.