އިންޑިއާއާއި ޕާކިސްތާނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގައި ޕާކިސްތާނަށް އެހީތެރިވުމުގެ ގޮތުން ތުރުކީވިލާތުން 350 އަށްވުރެ ގިނަ ޑްރޯން އަދި އަސްކަރީ އޮޕަރޭޓިވުން ފޮނުވާފައިވާ ކަމަށް އިންޑިއާގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ހާމަކޮށްފިއެވެ.
އިންޑިއާ ޓުޑޭ ޓީވީއަށް ލިބިފައިވާ މަޢުލޫމާތުގެ މަތިން، އޮޕަރޭޝަން ސިންދޫރުގެ ތެރެއިން ތުރުކީގެ ދެ އަސްކަރީ އޮޕަރޭޓިވުން މަރުވެފައިވާ ކަމަށް ބުނެއެވެ. މީގެ އިތުރުން، ތުރުކީގެ ލަފާދޭ ފަރާތްތަކުން ޕާކިސްތާނުގެ އަސްކަރިއްޔާއަށް އިންޑިއާއަށް ދެކޮޅަށް ޑްރޯން ހަމަލާތައް ރޭވުމަށް އެހީތެރިވެދީފައިވާ ކަމަށްވެސް ބުނެއެވެ.
މި ހަނގުރާމައިގައި ޕާކިސްތާނުން ބޭނުންކޮށްފައިވަނީ ބަޔްރަކްޓަރ ޓީބީ2 އަދި ޔީހާ ޑްރޯންތައް ކަމަށް ލަފާކުރެވޭ ކަމަށް އެނޫހުން ބުނެފައިވެއެވެ. މި ޑްރޯންތައް ބޭނުންކޮށްފައިވަނީ އަމާޒުތައް ފާހަގަކުރުމަށާއި، ނާޒުކް ހަމަލާތަކަށް ކަމަށް ބެލެވޭ ކަމަށް ބުނެފައިވެއެވެ. ޚާއްޞަކޮށް އިންޑިއާގެ ކުރީ ސަފުގެ މަރުކަޒުތަކަށާއި ސަޕްލައި ކޮންވޮއިތަކަށް އެ ޑްރޯންތަކުން ނުރައްކާ ކުރިމަތިކުރުމަށް ވެއެވެ.
ފާއިތުވި އަހަރުތަކުގައި ތުރުކީވިލާތާއި ޕާކިސްތާނާ ދެމެދު އަސްކަރީ ގުޅުން ވަރަށް ބޮޑަށް ވަރުގަދަވެފައިވާ ކަމަށް މާހިރުން ފާހަގަކުރެއެވެ. ތުރުކީ ސަރުކާރުން ޕާކިސްތާނަށް މުހިންމު އަސްކަރީ ހަތިޔާރުތައް ފޯރުކޮށްދިނުމުގެ އިތުރުން، ޕާކިސްތާނުގެ އަސްކަރިއްޔާއަށް ތަމްރީނު ދިނުމުގެ ޕްރޮގްރާމްތައްވެސް ހިންގާފައިވެއެވެ.
މި ކަންކަމުގެ ސަބަބުން، އިންޑިއާގެ މަސްލަހަތުތަކަށް ގެއްލުން ލިބޭތީ، "ބޮއިކޮޓް ތުރުކީ" މޫވްމަންޓް އިތުރަށް ފުޅާވެފައިވާ ކަމަށް އެ ނޫހުން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!