އޮކްޓޯބަރ 2023 އިން ފެށިގެން އިސްރާއީލުން ޣައްޒާގައި ހިންގަމުން އަންނަ ނަސްލު ނައްތާލުމުގެ ހަނގުރާމައިގައި މަދުވެގެން 52،928 ފަލަސްތީނުގެ މީހުން ޝަހީދުވެފައިވާ ކަމަށް، އެގައުމުގެ ހެލްތު މިނިސްޓްރީން ބުދަ ދުވަހު ބުނެފިއެވެ.
މިނިސްޓްރީގެ ބަޔާނެއްގައިވާ ގޮތުން، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން ދިން ހަމަލާތަކުގައި 20 މީހުން ޝަހީދުވެ، އިތުރު 125 މީހުން ޒަޚަމްވެފައިވެއެވެ. މިއާއެކު، އިސްރާއީލުގެ އަނިޔާވެރި ހަމަލާތަކުގައި ޒަޚަމްވި މީހުންގެ ޖުމްލަ އަދަދު ވަނީ 119،846 އަށް އަރާފައެވެ.
"އަދިވެސް ގިނަ އަދަދެއްގެ ބަޔަކު، ސަލާމަތްކުރާ މީހުންނަށް އެމީހުންނާ ހަމައަށް ނުފޯރޭ ހާލު، ފަތްތަކުގެ ދަށުގަޔާއި މަގުމަތީގައި ތާށިވެފައި އެބަތިއްބެވެ،" ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.
އިސްރާއީލުގެ ސިފައިން ޣައްޒާއަށް އަލުން ހަމަލާދޭން ފަށާފައިވަނީ މާރިޗު 18 ގައެވެ. އަދި އޭގެ ފަހުން މިހާތަނަށް ވަނީ ގާތްގަނޑަކަށް 2،800 މީހުން ޝަހީދުކޮށް، 7،800 އަށްވުރެ ގިނަ މީހުން ޒަޚަމްކޮށްލާފައެވެ.
ފާއިތުވި ނޮވެމްބަރު މަހު، އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން ވަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އޭނާގެ ކުރީގެ ޑިފެންސް މިނިސްޓަރ ޔޯވް ގަލަންޓް، ޣައްޒާގައި ހިންގި ހަނގުރާމައިގެ ކުށްތަކާއި އިންސާނިއްޔަތާ ޚިލާފު ކުށްތަކުގެ ދަޢުވާއަށް ހައްޔަރުކުރުމުގެ އަމުރު ނެރެފައެވެ.
އިސްރާއީލުން ހިފާފައިވާ ބިންތަކުގައި ހިންގަމުން އަންނަ ހަނގުރާމައާ ގުޅިގެން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ވެސް ނަސްލު ނައްތާލުމުގެ މައްސަލައެއް އެގައުމާ ދެކޮޅަށް ދަނީ ހިނގަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!