ދުންފަތުގެ އިސްތިއުމާލު ނުކުރާ ޖީލެއް ބިނާކުރުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތުގެ ދަށުން، ދުންފަތް ކޮންޓްރޯލް ކުރުމަށް ރާއްޖެއިން ކަނޑައެޅި ޖެނެރޭޝަނަލް ބޭންއަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މަރުހަބާ ކިޔައިފިއެވެ.
2007 ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތް ބޭނުން މަނާކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމި ނިންމުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.
ދުންފަތް ކޮންޓްރޯލް ކުރުމަށް ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކަކީ ދުންފަތް ކޮންޓްރޯލް ކުރުމަށް ކުރަމުން އަންނަ މަސައްކަތުގައި ލިބިގެންދިޔަ ކާމިޔާބެއްކަން ފާހަގަ ކުރައްވައި ޑަބްލިއުއެޗްއޯ އިން ވިދާޅުވީ ރާއްޖެއަކީ ދެކުނު އިރުމަތީ އޭޝިޔާގެ ސަރަހައްދުގައި މިފަދަ ފިޔަވަޅެއް އެޅި ފުރަތަމަ ގައުމު ކަމަށެވެ.
Congratulations #Maldives on the bold step towards a tobacco-free generation!
The landmark decision approving a generational #tobacco ban that prohibits the sale and use of tobacco to anyone born on or after January 1, 2007, marks a pivotal leap forward in tobacco control… pic.twitter.com/tCR2Jt1Xsf
— World Health Organization South-East Asia (@WHOSEARO) May 14, 2025
ދުންފަތް ކޮންޓްރޯލް ކުރުމަށް ޖެނަރޭޝަނަލް ބޭންގެ ވާހަކަ އެންމެ ފުރަތަމަ ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވީ 'ރައްޔިތުންނާ އެކު' ޕޮޑްކާސްޓްގެ ފުރަތަމަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެއީ މި އަހަރުގެ މާޗް މަހުގެ 27 ވަނަ ދުވަހުއެވެ.
ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް އިތުރުވުމުގެ ކަންބޮޑުވުން އިންތިހާއަށް އޮތްއިރު، ސިއްހީ މާހިރުން ފާހަގަ ކުރައްވާފައިވާ ގޮތުގައި ގައިންގަޔަށް ނާރާ ބަލިތައް ގިނަވާން ދިމާވާ އެންމެ މައިގަނޑު އެއް ސަބަބަކީ ދުންފަތާއި އެއާއި ގުޅުންހުރި ބާވަތްތަކުގެ އެއްޗެއްސެވެ.
ވުމާއިއެކު މި ސަރުކާރުން ވަނީ ރާއްޖޭގައި އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތައް ވިއްކުމާއި ހިލޭ ބެހުމާއި ބޭނުންކުރުން މިދިޔަ އަހަރިގެ ޑިސެމްބަރ 15 ވަނަ ދުވަހުން ފެށިގެން މަނާކޮށްފައެވެ.
މީގެ އިތުރުން، ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ގާނޫނަށް ގެނެވުނު އިސްލާހާއި އެކު 15 ނޮވެމްބަރުން ފެށިގެން ދުންފަތް ގަނެ ވިއްކޭނެ އެންމެ ދަށް އުމުރަކީ 21 އަހަރެވެ. އެ އުމުރު ކުރިން އޮތީ 18 އަހަރުން މައްޗަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!