ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވި ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މި ގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ނެގި ވޯޓުގައެވެ. މި ޖަލްސާގައި، ދެ ފަނޑިޔާރުން ވަކިކުރުމަށް ފެނޭތޯ ވަކިވަކިން ނެގި ވޯޓުގައި، ކޮންމެ ފަނޑިޔާރަކު ވަކިކުރުމަށް 68 މެންބަރުން ތާއީދު ކުރެއްވިއެވެ. ދެކޮޅަށް 11 މެންބަރަކު ވޯޓު ދެއްވި އެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅިފައިވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ތައްޔާރުކުރި ރިޕޯޓެއްގެ އަލީގައެވެ. އެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ފަނޑިޔާރުޔާރު މަހާޒް އަލީ ބައިވެރިވެވަޑައިގެން، ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ބަންދުން ދޫކޮށްލުމަށްޓަކައި ކްރިމިނަލް ކޯޓުގެ ޤާޟީ ސޮފްއަތު ހަބީބް މެދުވެރިކޮށް، ބަންދު މަޖިލިސް ބެލެހެއްޓެވި ޤާޟީ އިބްރާހިމް ޒިހުނީއަށް ނުފޫޒު ފޯރުވާފައިވާކަން ސާބިތުވެއެވެ.
ޖޭއެސްސީގެ މައްސަލަ ބެލި ކޮމިޓީން ނިންމާފައިވަނީ މިއީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފު ޢަމަލެއް ކަމަށެވެ. އެހެންކަމުން، ފަނޑިޔާރު އަޒްމިރަލްދާ އަދި މަހާޒް މަޤާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުމަށް ކޮމިޓީން ނިންމިއެވެ.
ފަނޑިޔާރުކަމުން ވަކިކުރަން މަޖިލީހުން ފާސްކުރުމާއި ގުޅިގެން މަހާޒް މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސުޕްރީމް ކޯޓުގައި މަސައްކަތް ކުރެވުނު މަސައްކަތްތަކާމެދު ހިތްހަމަޖެހިވަޑައިގަންނަވާކަމަށެވެ.
''ކުރި ހުރިހާ މަސައްކަތެއް ކޮށްފައިވާނީ ކުރާ ހިތުން. ސުޕްރީމް ކޯޓުގެ އެތެރެއިންނާއި ބޭރުން އައި އެއްވެސް ނުފޫޒަކަށް ބޯނުލަނބައި މި ހިސާބަށް އާދެވުމުން އުފާކުރަން. ކީރިތި الله އިރާދަ ކުރެއްވިއްޔާ ކުރިއަށް އޮތީ އަދި މާއުފާވެރި ދުވަސްތަކެއް. ހިތްވަރު ދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރަން. ނޫސްވެރިންނާއި ގާނޫނީ ވަކީލުންނާއި ޖަމިއްޔާ ޖަމާއަތްތަކުންނާއި ވަކިވަކި ފަރުދުންގެ ހައިސިއްޔަތުން ގާނޫނާ ޚިލާފަށް ހިނގަމުންދިޔަ ކަންކަމަށް ދެކޮޅުހައްދަވައި ފާޅު ކުރެއްވި އެންމެހައި ޝުއޫރުތަކަށް ވެސް ޝުކުރު އަދާކުރަން'' މަހާޒް ވިދާޅުވެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!