ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ހުސްވެފައިވާ މެންބަރުކަމުގެ މަޤާމަށް ޓީވީ ޕްރެޒެންޓަރު މޫސާ ރިލްވާން އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ބްރޯޑްކޮމްގެ ކުރީގެ ނައިބު ރައީސް އަޙްމަދު ފަޒީން މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ހުސްވި މަޤާމަށް 10 ވަރަކަށް ބޭފުޅުން ކުރިމަތިލެއްވިއެވެ. މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ކުރިމަތިލެއްވި ފަރާތްތަކުގެ ނަންތައް ދިރާސާކޮށް، އެންމެ މަތިން މާކްސް ލިބުނު ފަސް ބޭފުޅުންގެ ނަން ހުށަހެޅިއެވެ.
އެންމެ މަތިން މާކްސް ލިބުނު ތަރުތީބުން ވޯޓަށް އެހުމުން، ޕީއެސްއެމްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު (%85.13)، އައިޝަތު ޝިޔާނާ (%83) އަދި ޝިމްލާ އަޙްމަދު (%82) އަށް ރުހުން ނުލިބުނެވެ. އެއަށްފަހު، ހަތަރުވަނައަށް އެންމެ މަތިން މާކްސް (%81) ލިބުނު މޫސާ ރިލްވާންއަށް ވޯޓަށް އެހުމުން، 70 މެންބަރުންގެ ތާއީދާއެކު އޭނާގެ ނަން ފާސްވިއެވެ.
މޫސާ ރިލްވާނަކީ ޓީވީ މޯލްޑިވްސްގައި ގިނަ ދުވަސްތަކެއް ވަންދެން ޓީވީ ޕްރޮގްރާމްތައް ޕްރެޒެންޓްކުރައްވާ، އަދި ޕްރޮޑިއުސަރެއްގެ ގޮތުގައިވެސް މަސައްކަތްކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. މީގެ އިތުރުން، ސަރުކާރުގެ އެކި ވުޒާރާތަކުގައި ޕަބްލިކް ރިލޭޝަންސް އޮފިސަރެއްގެ ގޮތުގައިވެސް އޭނާ ވަނީ މަސައްކަތްކުރައްވާފައެވެ.
ބްރޯޑްކޮމްގެ މެންބަރުކަމުގެ ދައުރަކީ 5 އަހަރު ދުވަހެވެ. މިހާރު ކޮމިޝަނުގައި ތިއްބެވީ 6 މެންބަރުންނެވެ. އެއީ ކޮމިޝަނުގެ ރައީސް ޞަފާ ޝަފީޤް، ނައިބު ރައީސް ޝިފްލާ އިބްރާހީމް، އަދި މެންބަރުންގެ ގޮތުގައި އާމިނަތު އަމީނާ، އާމިނަތު ނުޒުހާ، މުޙައްމަދު ޢަބްދުﷲ އަދި އާމިނަތު ޞަރާޙަތު ޢިއްޒަތެވެ. މޫސާ ރިލްވާންގެ އައްޔަންކުރުމާއެކު ކޮމިޝަނުގެ މެންބަރުންގެ އަދަދު ހަމަވީއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!