ސްޓޫޑެންޓް ލޯނަށް ދޫކުރާ ފައިސާ އަނބުރާ ހޯދުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ލޯނު ނަގާފައިވާ ދަރިވަރުންގެ ތެރެއިން 60 ޕަސެންޓް ދަރިވަރުން ފައިސާ ނުދައްކާ ކަމަށާއި، ގަވާއިދުން ފައިސާ ދައްކަނީ އެންމެ 40 ޕަސެންޓް ދަރިވަރުން ކަމަށެވެ.
މި ފައިސާ ދައުލަތަށް އަނބުރާ ހޯދުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
"އެހެންވީމަ އެކަމާ ބެހޭ ގޮތުން ވެސް އެއީ ދައުލަތަށް ލިބެންވާ ފައިސާ، ދައުލަތަށް ލިބެންވާ ފައިސާ ހޯދުމަށް ކުރަންޖެހޭ ކަންތައްތަކަށް މަޝްވަރާކޮށް އަޅުގަނޑުމެން އެއަށް ގޮތެއް ނިންމާނަން،" މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން، މިނިސްޓަރު ހާމަކުރެއްވި ގޮތުގައި 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް ސްޓޫޑެންޓް ލޯނުގެ ގޮތުގައި 157 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. އަދި މި ވަގުތު ސްޓޫޑެންޓް ލޯނު ލިބިގެން ރާއްޖެއިން ބޭރުގެ އެކި ޤައުމުތަކުގައި 1,650 ދަރިވަރުން ކިޔަވަމުންދާ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މި ހާމަކުރެއްވުންތަކުން ދައްކުވައިދެނީ ސްޓޫޑެންޓް ލޯނު ސްކީމްގެ ދަށުން ގިނަ އަދަދެއްގެ ދަރިވަރުންނަށް މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުސަތު ލިބިފައިވާ ނަމަވެސް، ލޯނު އަނބުރާ ދެއްކުމުގައި ދަތިތަކެއް ހުރި ކަމެވެ. މި މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަން މިނިސްޓަރުގެ ވާހަކައިން އެނގެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!