ހއ. ބާރަށުގައި ދެ މަޝްރޫޢޫއެއްގެ އަމަލީ މަސައްކަތް ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އިން ތައްޔާރުވެއްޖެއެވެ.
އެމްޓީސީސީން ބާރަށުގައި ހިންގުމަށް ހަމަޖެހިފައިވާ ދެ މަޝްރޫޢުގެ ތެރޭގައި ހިިމެނެނީ ރަށު ފެންވަރުގެ ޕޮލިސް ސްޓޭޝަނެއް އިމާރާތްކޮށް 500 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރުމެވެ.
އެގޮތުން ރަށު ފެންވަރުގައި ޕޮލިސް ސްޓޭޝަނެއް އިމާރާތް ކުރުމުގެ މަޝްރޫޢުގެ ދަށުން 2 ފަންގިފިލާއެއްގެ އިމާރާތެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޕޮލިސް ސްޓޭޝަނެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ހުރިހާ ވަސީލަތެއްވެސް ޤާއިމްކުރެވޭނެއެވެ.
މީގެ އިތުރުން މި އެއްބަސްވުމުގެ ދަށުން 500 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކޮށް ނިމޭއިރު، ނަމާދުކުރާ ހޯލަކާއި، އިމާމު މީހާއަށް ކޮޓަރިއަކާއި، އަންހެން އަދި ފިރިހެން ބޭފުޅުންނަށް ވުޟޫ ކުރާނެ ސަރަހައްދެއް ޤާއިމްކުރެވޭނެއެވެ.
ބާރަށުގައި ޖުމްލަ ގޮތެއްގައި 2198 މީހުންގެ އާބާދީއެއް ދިރިއުޅޭއިރު ރަށުގެ ރައްޔިތުންނަށް މި މަޝްރޫޢުތައް ތަރައްޤީވުމުން އުމްރާނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގިނަ ގުނަ މަންފާތަކާއި ފަސޭހަތަކެއް ލިބިގެންދާނެކަމަށް އެމްޓީސީސީން ދެކެއެވެ.
މި ކުންފުނިން ރައްޔިތުންގެ ލާބައަށާއި މަންފާއަށްޓަކައި ޙިދުމަތް ދެމުންދާތާ 44 އަހަރު ވެފައިވާއިރު، އަދި އަދަށް ދާންދެންވެސް ޢުމްރާނީ އަދި އިޖުތިމާއީ ވަޞީލަތްތައް ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!