" މައާފް ކުރޭ. ކުދިންކޮޅު ނެތީމަ ބިރުގަތީ. އެހެންވެ... އެހެންވެ ފުރަތަމަ އެ ކުދިން ކޮބައިތޯ ބަލަން ދިޔައީ." މަރިޔަމް ވާހަކަ ދެއްކީ ލަދުން ހުރެއެވެ.
" މައިންގެ ޒިންމާއަކީ އެހެން ހުރިހާ ކަމަކަށް ވުރެ މާ ބޮޑު ކަމެއް. އެކަމަކު ބައެއް މަންމައިން ދަރިންނާމެދު ކަންތައް ކުރަނީ ހާދަ އިހާނެތިކޮށޭ. " ރިލްވާން ބުނެލީ ވަރަށް ގާތް ގޮތަކަށެވެ.
އެއާއެކު ހައިރާންވެފައި މަރިޔަމްއަށް ރިލްވާންގެ މޫނަށް ބަަލައިލެވުނެވެ. އެ ވަގުތު އަނެއްކާ ވެސް ރިލްވާން ހިނިތުންވެލިއެވެ.
އޭރު މަރިޔަމްގެ ހިތުގައި ސުވާލު އުފެދިފައިވާކަން ރިލްވާންއަށް އެނގުނެވެ.
" ނުވިސްނުނު." މަރިޔަމްއަށް ބުނެވުނެވެ.
އެ ވަގުތު ރިލްވާންއަށް ބަލައިލެވުނީ ދުރުގައި ތިބި މަރިޔަމްގެ ދެ ދަރިންނަށެވެ.
" އަހަރެންގެ ވެސް އެ ވަރުގެ ދެ ދަރިން ތިބޭ. އެކަމަކު އެ ކުދިން އުޅެނީ އަހަންނާ ވަކިން. އެ ކުދިންގެ މަންމަގެ ކައިރީގައި. އަހަންނާ އެއްވެސް ވަރަކަށް ބައްދަލެއް ނުކުރެވެ. އޭނައަށް ފިލައިގެން ބައްދަލް ކުރާ ދުވަހަކު ވެސް ބުނާނެ މަންމަ އަނިޔާ ކުރާ ވާހަކަ. ކާން ނުދޭ ވާހަކަ. ކީއްކުރާނީ؟ އޭނައަކީ އެ ރަށުގެ ގަދަރުވެރި އާއިލާއެއްގެ މީހަކަށް ވާތީ އަހަރެންގެ ބާރެއް ދަރިންނަކަށް ނުހިނގަ. ވަރިވުމަށްފަހު ދަރިންތައް ގެއްލިއްޖެ." ރިލްވާން ކިޔައިދިނެވެ.
ނުވެސް ދަންނަ މީހަކު އެ ފަދަ ގާތް ގޮތަކަށް ވާހަކަ ދެއްކުމުން މަރިޔަމް ހުރީ ހަމަ ހަގީގަތުގައި ވެސް ވަރަށް ޖެހިލުންވެފައެވެ. ނަމަވެސް ރިލްވާންގެ ވާހަކަތަކާއި އަޑުގައި އާދަޔާހިލާފް ވޭނީ އަސަރެއް ހުރިކަން މަރިޔަމްއަށް އިހްސާސް ކުރެވުނެވެ. އެހެންކަމުން އަޅައިނުލާ ހުންނާކަށް އޭނާއަކަށް ނުކެރުނެވެ.
" އެހެންތަ؟ ވަރަށް ދެރަ ގޮތަކަށް ދޯ ދިމާވަނީ. އަދި އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ." ހީލަމުން މަރިޔަމް ބުނެލިއެވެ.
އެއާއެކު ރިލްވާންއަށް ބަލައިލެވުނީ ސީދާ މަރިޔަމްގެ ދެ ލޮލަށެވެ. އެ ވަގުތު މަރިޔަމްއަށް އަވަސް އަވަހަށް މޫނު އަނބުރައިލެވުނެވެ. އެހެން މީހަކު އޭނާއާ ހަތަރުކަޅި ހަމަކުރުމަކީ އޭނާ ފަހަރެއްގައި ވެސް ބޭނުންވާ ގޮތެއް ނޫނެވެ.
" އަހަންނަށް އަސްލު މި ދެއްކުނީ މާ ބޭކާރު ވާހަކަތަކެއް ދޯ. ކީއްކުރާނީ؟ ބައެއް ފަހަރު މިހެން ފެންނަ މަންޒަރުތަކުން ވެސް ހިތުގައި ހިނގަމުން ދާ ޖަޒްބާތުތަކަށް ކެތެއް ނުކުރެވޭ. ބޭރުކޮށްލެވެނީ. އެއީ ދަންނަ އަދި ނުދަންނަ މީހަކަށް ވިޔަސް..." ރިލްވާން ބުނެލިއެވެ.
ހިންދިރުވާލުމަށްފަހު މަރިޔަމް ގަދަކަމުން ހީލިއެވެ. އިތުރަށް ވާހަކަ ދައްކަން އޭނާ ބޭނުން ނުވާ ކަހަލައެވެ.
" މިހާރު ވެސް މާ ވާހަކަ ގިނަވެއްޖެ ދޯ. " ކުރު ހިނިގަނޑެއް ޖަހާލަމުން ރިލްވާން ބުންޏެވެ.
އަދި އަތުގައި އޮތް ފޮތް ހުޅުވާލުމަށްފަހު އޭނާ އަނެއްކާ ވެސް ސުވާލު ކޮށްލިއެވެ.
" މިގޭގައި އުޅެނީ އަހަންނާ އަހަރެންގެ ތިން ދަރިން." މަރިޔަމް ބުންޏެވެ.
އެއާއެކު ފޮތުގައި ގަލަން ޖައްސައިނުލާ އަނެއްކާ ވެސް ރިލްވާންއަށް ބަލައިލެވުނީ މަރިޔަމްއަށެވެ.
" ތިން ދަރިންނޭ؟" ރިލްވާން އެހިއެވެ.
މަރިޔަމް ބޯ ޖަހާލިއެވެ. އެ ވަގުތު ރިލްވާންއަށް ވަށައިގެން ނަޒަރު ހިންގާލެވުނެވެ.
" އެކަނިތަ އުޅެނީ؟ ކޮބާ މި ކުދިންގެ ބައްޕަ؟ " ރިލްވާން އެހިއެވެ.
ރިލްވާންގެ ސުވާލުތައް މާ ގިނަ ވާން ފެށުމުން މަރިޔަމްއަށް އުނދަގޫވަން ފެށިއެވެ. ފުން ނޭވާއެއް ދޫކޮށްލަމުން މަރިޔަމް މި ފަހަރު ވާހަކަ ދެއްކީ، ގަޔާ ނުވާފަދަ ގޮތަކަށެވެ.
" މި ވަގުތު ވީ މާލޭގައި. އެކަމަކު އޭނަ އަންނާނެ ވަރަށް އަވަހަށް. މި އާއިލާގައި ޖުމްލަ ފަސް މެމްބަރުން ތިބޭނެ." މަރިޔަމް ބުންޏެވެ.
ރިލްވާން ފޮތް ލައްޕާލަމުން އަނެއްކާ ވެސް މަރިޔަމްއަށް ބަލައިލިއެވެ. މަރިޔަމްގެ ރީތި ސޫރަ އޭނާގެ ހިތުގައި ނަކަލު ކޮއްލާކަށް މާ ގިނަ ވަގުތު ތަކެއް ނުނެގިއެެވެ. އޭރު ވެސް ރިލްވާން ހުރީ ހެވިފައެވެ.
" އަހަރެން ދެން ދަނީ. " މަރިޔަމް އެހެން ބުނެ ބަދިގެއާ ދިމާލަށް ދާން އެނބުރުނީ ނުހަނު އަވަސް އަވަހަށެވެ.
އޭރު ވެސް ބަދިގެ ފެންޑާގައި އޭނާގެ ދެ ދަރިން ތިއްބެވެ. ފެންޑާއަށް ވަނުމަށްފަހު މަރިޔަމް ފަސްއެނބުރި ބަލައިލީ ނުތަނަވަސްވެފައި ހުރެއެވެ. އޭރު ރިލްވާން ވެސް ނިކުންނަން ދާ ތަން ފެނެއެވެ. މަރިޔަމްގެ ހިތަށް ހަމަޖެހުމެއް ލިބުނީ އެ ހިސާބުންނެވެ.
ޝަބްނަމް ހުރީ ސިޓިންރޫމްގައި ދެކޮޅަށް ހިނގާލަހިނގާލައެވެ. އިރުއިރުކޮޅުން އޭނާއަށް ހަސަންގެ ކޮޓަރި ދޮރަށް ބަލައިލެވެއެވެ. އޭނާ އެ އިންތިޒާރު ކުރަނީ އެ ކޮޓަރި ދޮރު ހުޅުވޭނެ އިރަކަށެވެ.
" ދަރިފުޅު ހާދަ މައިރަކާ ހޭލައިގެން؟" ޒުހޭރާ ބުންޏެވެ.
އެ އަޑަށް ޝަބްނަމް ދިޔައީ ސިހިގެންނެވެ. މަންމަ ފެނުމާއެކު އޭނާ ބާރުބާރަށް ގޮސް ޒުހޭރާގެ ކޮނޑުގައި އެލިގަތެވެ.
" މަންމާ. އަޅުގަނޑު ބޭނުން ހަސަންއާ ވީހާ ވެސް އަވަހަކަށް ކައިވެނި ކުރަން. " ޝަބްނަމް ބުންޏެވެ.
އެއާއެކު ޒުހޭރާ ޝަބްނަމްގެ ގައިގައި ހިފަހައްޓާލިއެވެ. އަދި ސޯފާގައި ބޭންދިއެވެ.
" ދަރިފުޅަކަށް ނޭނގޭތަ ކެތްތެރިވާކަށް ވެސް. ކޮންމެ ކަމަކަށް ވެސް ވަގުތެއް އޮންނާނެ. ތިހެން އުޅެންޏާ ހަސަން ފޫހި ވެސް ވެދާނެ. މަންމަ ބުނީމެއްނު ކިތަންމެ ވަގުތު ނެގިޔަސް، ނިކަން ސާދާކޮށް، ރީތިކޮށް ތިކަން ކުރަން އުޅޭށޭ." ޒުހޭރާ ބުންޏެވެ.
ނަމަވެސް ޝަބްނަމް އޭރު ވެސް ދިޔައީ ދެ ފަރާތަށް ބޯ ހޫރަމުންނެވެ.
" ނޫނެކޭ މަންމާ. މިހެން އަޅުގަނޑު މުގޯލި އަޅައަޅާ ހުއްޓާ، ފަރީހާ ބުނާހެން ތެޔޮނާށި ކާޅު ގެންދިޔައީމަޔޯ؟" ޝަބްނަމް ބުނެލީ ކަންބޮޑުވުމާއެކުއެވެ.
އެ ވަގުތު ޒުހޭރާ ކޮންމެވެސް ވަރަކަށް ބިރު ވެސް ގެންފިއެވެ. ހަސަން ގެއްލި ދާނެތީ ޝަބްނަމް ބިރުން ހުރި ވަރު އޭނާއަށް ވަޒަން ކުރެވުނެވެ.
" ދެން މިސާލަކަށް، ތެޔޮނާށި ކާޅު ގެންދިޔައްޔާ ދަރިފުޅު ކިހިނެއް ހަދާނީ؟ ހަސަން މަތިން ހަނދާން ނައްތާލާނީ ދޯ؟" ޒުހޭރާ ސުވާލު ކުރިއެވެ.
" ކީކޭ؟ ހަނދާން ނައްތާލާށޭ؟ ނުވާނެ ތިކަމެއް. އެހެނެއް ނުވާނެ. އެހެން ނޫނަސް އެ ދުވަސް އަހަންނަށް ފެނިއްޖެއްޔާ އަޅުގަނޑު ދެން އިތުރަށް މި ދުނިޔެއަށް ނޭވާލާނެ އެންމެ ހިނދުކޮޅެއް ވެސް ނާންނާނެ." ޝަބްނަމް ބުނެލީ ހަށިގަނޑު ތެދުކޮށްލަމުންނެވެ.
" ދަރިފުޅާ! ތި ކަހަލަ އެއްޗެހި ބުނާކަށް ނުވާނެ." ޒުހޭރާ ބުނެލީ ބާރަށެވެ.
ޝަބްނަމް އެހެން ބުނުމުން ހަގީގަތުގައި ޒުހޭރާގެ ހިތުގައި އުފެދިފައި އޮތް ބިރު އެތައް ގުނަ އަކަށް އިތުރު ވެގެން ދިޔައެވެ. އޭނާގެ ހިތް މުޅިން ހާސް ވެއްޖެއެވެ. ޝަބްނަމްގެ ވިސްނުން ބަދަލު ނުވާނެކަން އެނގުމުން ޒުހޭރާ ހަދާނެ ގޮތް ހުސްވީ ކަހަލައެވެ.
" އަޅުގަނޑު ބޭނުންވާ ކަހަލަ ހުރިހާ ސިފަތަކެއް ހަސަންގެ ކިބައިގައި އެބަހުރި. ހަސަން ވެސް އަޅުގަނޑުގެ ހުށަހެޅުން ގަބޫލު ނުކުރާނެހެންނެއް ހިއެއް ނުވެ. ކީއްވެ ދެން ލަސް ކުރަން ވީ؟ ހަސަން ވެސް ބޭނުންވާނީ އަހަރެން ކަހަލަ ރީތި، މުއްސަނދި ކުއްޖެއް. ހަސަންއަށް ވެސް އެންމެ ރަނގަޅުގޮތަކީ މިއީ." ޝަބްނަމް ވާހަކަ ދެއްކީ ޔަގީންކަމާއެކުއެވެ.
ބުނާނެ އެއްޗެއް ނޭނގިފައި ޒުހޭރާއަށް ހުރެވުނީއެވެ. އިތުރަށް ޝަބްނަމްއަށް ވިސްނައިދޭން ބުނާނެ އެއްޗެއް ވެސް އޭނާއަކަށް ނޭނގުނެވެ.
" ދަރިފުޅު ދެން ހިނގާ ސައިބޯން. ހަސަން ވީ ބައްޕައާއެކު ފާނަކޮއްޓަށް ގޮސް. ފަތިސް ވަގުތު ގޮއްސި. " ޒުހޭރާ އެހެން ބުނުމުން ޝަބްނަމްއަށް އަނެއްކާ ވެސް ޒުހޭރާގެ ކޮނޑުގައި ބޯ ޖަައްސާލެވުނެވެ.
" މިއަދު ހޮޓަލުން ކައިކައި ހީވަނީ ހަކުރު މައްޗަށް ގޮއްސިހެން. ކީއްކުރާނީ؟ ގެއަށް އާދެވޭ ވަރު ނުވިއްޔޭ. ފާނަކޮށި ފުރުވާލަން ތައްޔާރު ކުރަން ވެގެން އަވަހަށް މަސައްކަތްތައް ނިންމަނީ ހަމަ. " ރަޝީދު ބުންޏެވެ.
އޭނާ ކޮޓަރިއަށް ވަތް އިރު ޒުހޭރާ އޮތީ ބިއްދޮށަށް އެނބުރިއެވެ. ނަމަވެސް ކޮޓަރިއަށް ވަތް ގޮތަށް ޒުހޭރާގެ ސުވާލެއް އައުމުގެ ކުރިން ރަޝީދު ވާހަކަ ދައްކަން ފެށިއެވެ. ރަޝީދުގެ އަޑަށް ޒުހޭރާ މަޑުމަޑުން ތެދުވެއްޖެއެވެ.
" އަހަރެން ގެއަށް ނައިސްގެން ރުޅި އައިސްފަތަ؟" ރަޝީދު އެހިއެވެ.
ޒުހޭރާގެ މޫނުމަތީގެ ކުލަވަރު ފެނި، އޭނާއަށް ކަމެއް ވެފައި ހުރިކަން ރަޝީދުއަށް އެނގުނެވެ. ދެ ފަރާތަށް ބޯ ހޫރާލަމުން ޒުހޭރާ އައިސް ރަޝީދު ބޭލި ޓީޝާޓް އެނދުމަތިން ނެގިއެވެ.
" އަޅުގަނޑު މި ހުރީ ވަރަށް ކަންބޮޑުވެފައި." ޒުހޭރާ ވާހަކަ ދައްކަން ފެށިއެވެ.
ހަސަންއާ ބެހޭ ގޮތުން ޝަބްނަމް ދެއްކި ހުރިހާ ވާހަކަތަކެއް ވެސް އޭނާ ރަޝީދަށް ކިޔައިދިނެވެ. އެ ވަގުތު ހަސަންއަށް ވެސް ލިބުނީ ކުއްލި ހައިރާންކަމެކެވެ.
" ހަމަ ތެދެއް؟ ޝަބްނަމް ތި ހުރީ ހަސަނާހެދި މޮޔަވެފައެއްނު. އަމިއްލައަށް މަރުވާވަރު ވާނީ އެ މަންޖެ ހަސަންދެކެ ހާދަ ލޯބިވާތީއޭ. އަނެއްކާ ހަސަނަކީ މީހެއްގެ ފިރިއެއްކަން އެނގުނީމަ އެ މަންޖެގެ ހިތް ހަލާކުވާނެ އެއްނު. މިހާވަރު ނުވަނީސް އެ ވާހަކަ އެ މަންޖެގާތު ނުބުނީމަ މަށަށް ދެރައީ. އަހަރެން އޭރު ވެސް ޒުހޭރާ ގާތު ބުނިން." ރަޝީދު ބުންޏެވެ.
އެ ވަގުތު ޒުހޭރާ އިސްޖަހާލިއެވެ.
" އަޅުގަނޑު ވެސް ހިއެއް ނުކުރަން މިހާ އަވަހަށް ޝަބްނަމް އެކަމާ އުޅޭނެ ކަމަކަށް. އެކަމަކު މިހާރު އެ މަންޖެ ބޭނުންވަނީ ވީހާ ވެސް އަވަހަކަށް އިންނަން. ދެން އަޅުގަނޑު ކިހިނެއްތޯ ހަދަންވީ؟ " ޒުހޭރާ ވާހަކަ ދެއްކީ މާޔޫސްވެފައި ހުރެއެވެ.
" ދެން ހެދޭނެ އެއްޗެއް ނެތެއްނު. ހަސަނު ރުޅި އައިސްގެން ގޮއްސިއްޔާ އަހަންނަށް އެ ލިބުނީ ވަރަށް ބޮޑު ގެއްލުމެއް. ޝަބްނަމްއަށް ވިސްނައިދޭން އުޅޭނެ ކަމެއް ނެތް. އަމިއްލައަށް މަރުވާވަރު ވެފައި ހުރި މީހަކަށް ކޯއްޗެއް މަށަށް ވަކި ވިސްނައިދެވޭނީ؟" ރަޝީދު ބުންޏެވެ.
" ރަޝީދު ރުޅި ދުރުވީތޯ؟ ތިޔައީ ހައްލެއް ނޫނެއްނޫންތޯ؟ މާދަމާ ވެސް އަލި ވިލޭއިރަށް ޝަބްނަމް އައިސް އަޅުގަނޑުގެ ބޮލުގައި ކޮށާނެ. " ޒުހޭރާ ބުންޏެވެ.
" ކޮށައިގެން ވެސް ތި ބޮލުން އުކުނު ހުސްވަނިކޮށް މަށަށް ހެޔޮ. " ރަޝީދު ބުނެލީ ހެމުންނެވެ.
އެއާއެކު ޒުހޭރާ ގާތަށް އިންތިހާއަށް ރުޅި އަތުވެއްޖެއެވެ.
" ރަޝީދު އަޅުގަނޑަށް މަލާމާތް ނުކުރައްވާ. އުކުނު ފިލުވާ ބޭސްފުޅިއެއް ގަނެދެއްވާށޭ ކިޔާތާ ލައްކަ ދުވަސް ވެއްޖެ. " ޒުހޭރާ ބުންޏެވެ.
" އަހަރެން ހަމަ ގަސްތުގައި ޒުހޭރާ ހެއްވާލަން އުޅުނީ. ދަރިފުޅާހެދި އަހަރެމެން ދެ މީހުން މައްސަލަޖެހި އަރާރުން ވާކަށް ނުޖެހޭނެދޯ. މާދަމާ ބޭސްފުޅި އެއް ގެންނާނަން. އެކަމާ ހާސް ނުވޭ." ރަޝީދު ބުނެލީ ތުވާލި އަނދެލަމުންނެވެ.
" އަޅުގަނޑު ހާސްވެފައި މި ހުރީ ޝަބްނަމްގެ މައްސަލައިގައި. އެކަމަށް ހައްލެއް ބޭނުން." ޒުހޭރާ ދެ އަތް އުރާލަމުން ބުންޏެވެ.
" ރޭގަނޑު ރުޅި އައިސް ހުރުމަކީ އަހަރެން އެއްވެސް ވަރަކަށް ބޭނުންވާ ގޮތެއް ނޫން. ތި ވާހަކަ ދެން ދައްކާނީ މާދަމާ. މިރޭ ތި ވާހަކަ ދައްކައިގެން ރުޅި އައިސް މޫޑު ހަރާބު ކުރުމަށްވުރެ އަހަރެން މި ހުރީ ވަރުބަލިވެފައި." ރަޝީދު ބުންޏެވެ.
ވަޅުކޮޓަރިއަށް ފެންވަރަން ދިޔުމަށްޓަކައި އޭނާ ކޮޓަރިން ނިކުންނަން ހިނގައިގަތް އިރު ވެސް ޒުހޭރާ ހުރީ ނުރުހުންވެފައި ބަލަހައްޓައިގެންނެވެ.
ޖެހިގެން އައި ދުވަހެވެ. މަރިޔަމް ދޮރު ހުޅުވާލި އިރު ހެނދުނު ހައެއް ޖަހަނީއެވެ. ހުރިހާ ކުދިން ހޭލުމުގެ ކުރިން އޭނާ އަވަހަށް ގިފިއްޔަށް ދާން ނިކުތެވެ. އޭރު ދުނިޔެ މައްޗަށް ކޮންމެވެސް ވަރަކަށް އަލި ވެއްޖެއެވެ.
ގިފިއްޔާ ހަމައަށް ނުދެވެނީސް އެއްލި ކަޅިއަކުން ޖޯލިފަތީގައި މީހަކު އޮތްތަން ފެނުނެވެ. އެއާއެކު މަރިޔަމްއަށް ހުރި ފިޔަވަޅުމަތީ ހުއްޓެވުނީ ބިރުންނެވެ. ދެ ލޯ ކުޑަކޮށްފައި އޭނާ ރަނގަޅަށް އެ މީހާގެ މޫނަށް ބަލައިލިއެވެ. އެ ވަގުތު މަރިޔަމްގެ މެޔަށް ދިޔައީ ފިނިވެގެންނެވެ. ޖޯލިފަތީގައި އޮވެ ނިދާފައި އެ އޮތީ ރިލްވާން ނޫން ދެވަނަ މީހެއް ނޫނެވެ.
" ރިލްވާން؟ މިތާ؟" މަރިޔަމްއަށް ބުނެވުނެވެ.
އަދި އޭނާއަށް އަވަސް އަވަހަށް އެކި ދިމަދިމާލަށް ބަލައިލެވުނީ މަގުމަތިން މީހަކު ފެނޭތޯއެވެ. ރިލްވާން އެ ގޭ ގޯތިތެރޭގައި ހުރި ޖޯލިފަތީގައި އޮތްތަން މީހަކަށް ފެނިއްޖެނަމަ ރަށުތެރޭގައި ނުބައި އަޑެއް ފެތުރޭނެކަން މަރިޔަމްއަށް ޔަގީނެވެ. އެހެންކަމުން އޭނާ އަވަސް އަވަހަށް ތަންކޮޅެއް ބާރަށް ކެއްސާލިއެވެ. ނަމަވެސް ރިލްވާންއަށް ހިލަމެއް ވީ ހެން ވެސް ހިއެއް ނުވިއެވެ.
ރިލްވާންގެ ކައިރިއަށް ގޮސް ގޮވާލަން ވެސް އޭނާގެ ހިތެއް ނޭދުނެވެ. އެހެންވެ ދުރުގައި ހުރެ އޭނާ ރިލްވާންއަށް ގޮވާލިއެވެ. އެއާއެކު ނިދިން ހޭލެވި، ރިލްވާން އަވަސް އަވަހަށް ކޮޅަށް ތެދުވިއެވެ.
" ކީއްކުރަނީ މިތާ؟ މިގެއިން ދޭ!" މަރިޔަމް ބުނެލީ ބާރަށެވެ.
އެ ވަގުތު ވެސް ރިލްވާންއަށް މުހިއްމުވީ މަރިޔަމްއާ ވާހަކަ ދައްކާށެވެ. އޭނާގެ ހިތުގައި އެއްވެސް ބިރުވެރިކަމެއް ވެސް ނެތް ކަހަލައެވެ.
" ދެންމެތަ ހޭލީ؟" ރިލްވާން އެހިއެވެ.
އޭނާގެ ސުވާލުން މަރިޔަމް އިތުރަށް ރުޅި ގަދަވިއެވެ.
" ދާާށޭ. ރިލްވާން ކީއްވެގެން ތި އުޅެނީ؟ ކީއްކުރަން މި ތާ ތި އޮތީ؟" މަރިޔަމް ބުންޏެވެ.
" ފަތިސް ނަމާދުކޮށްގެން އައިސް ޖައްސާލީ. އެއީ އެހާވަރުގެ ކަމެއް ނޫނެއްނު." ރިލްވާން ބުންޏެވެ.
" ދެން ދޭ. މިހާރު ހޭލެއްވިއްޖެ އެއްނު." މަރިޔަމް އަވަސް އަވަހަށް ބުންޏެވެ.
އޭރު ރިލްވާން އޭނާއާ ދިމާލަށް އާދެއެވެ. އެ ވަގުތު މަރިޔަމްއަށް ފަހަތަށް ޖެހިލެވުނެވެ. ކުއްލިއަކަށް އޭނާއަށް ފެނުނީ ދުރުގައި ހުރި ހައްވައްތައެވެ. އޭނާ ހުރީ މަގުމަތި ކުނި ކަހަން ނިކުތް ގޮތަށް އިލޮށިފަތި ވެސް ހިފައިގެންނެވެ. ހައްވައްތަ ފެނުމާއެކު މަރިޔަމް ޖެހިލުންވީ ވަރުން އަވަސް އަވަހަށް ގެއަށް ވަންނަން ދުއްވައިގަތެވެ. އޭރު ވެސް ރިލްވާން ހުރީ މަރިޔަމްއަށް ބަލާށެވެ.
ނުނިމޭ
މި ވާހަކަ ގެނެސްދެނީ ކޮންމެ އާދީއްތަ، ހޯމަ އަދި ބުދަ ދުވަހެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!