ކްލިނިކަކަށް ތެރަޕީ ނަގަން ދިޔަ ކުޑަ ކުއްޖަކަށް ޖިސްމާނީ އަނިޔާދިންކަމުގެ ތުހުމަތުކުރާ މައްސަލައެއް ފެންމަތިވެއްޖެއެވެ.
ފުލުހުން ބުނީ ހުޅުމާލޭގައި ހުންނަ ކްލިނިކަކަށް ތެރަޕީ ނަގަން ދިޔަ ކުޑަ ކުއްޖަކަށް ޖިސްމާނީ އަނިޔާވާ ފަދަ ގޮތަކަށް ޢަމަލުކޮށްފައިވާ ކަމަށް ތުހުމަތުކުރާ މައްސަލައެއް އެ މުއައްސަސާއަށް ހުށަހަޅާފައިވާ ކަމަށެވެ.
މި މަހުގެ 5 ވަނަ ދުވަހު ހިނގިކަމަށް ތުހުމަތުކުރާ މި ހާދިސާގެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ އިއްޔެއެވެ.
އެހެންވެ، މި މައްސަލަ ބަލަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.
ހާދިސާއާ ގުޅޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވެފައިވެއެވެ. އެ ވީޑިއޯގައި ފެންނަނީ ކްލިނިކުގެ މުވައްޒަފެއް ކަމަށް ބެލެވޭ މީހަކު ކުޑަކުއްޖެއްގެ ފަހަތުން ކަތުރެއް ހިފައިގެން ދުވާ މަންޒަރެވެ. އަދި އެ ކުއްޖާ އޭނާގެ ކިބައިން ސަލާމަތްވާން މަސައްކަތްކުރާ މަންޒަރު ވެސް ފެނެއެވެ. މި ހާދިސާ ހިނގިއިރު އެ ތަނުގައި އިތުރު މުވައްޒަފަކާއި އެހެން ކުއްޖަކު ވެސް ތިބިކަން ވީޑިއޯއިން ފާހަގަކުރެވެއެވެ.
މީގެ އިތުރުން، އެ ކުއްޖާގެ އަތަށް ކަތުރު ހަރާފައި ހުރި ކަމަށް ބުނާ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި ދައުރުވަމުންދާކަން ފާހަގަކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!