ރާއްޖެ އަނެއްކާވެސް ކޮމަންވެލްތްގެ މެންބަރު ގައުމަކަށް ވެއްޖެ އެވެ.

އެކަން ހާމަ ކުރައްވާފައިވަނީ ރައީސް އިބްރާޙިމް މުޙައްމަދު ސާލިޙު ދެންމެއަކު ކުރައްވާފައިވާ ޓުވީޓެއްގައެވެ.

Ad
rt

ރަސްމީކޮށް ކޮމަންވެލްތުގެ މެންބަރެއްގެ ގޮތުގައި ރާއްޖެ ކަނޑައެޅީ ކޮމަންވެލްތުގެ ހުރިހާ މެންބަރު ގައުމެއްގެ ފުރިހަމަ ތާއީދާއެކުގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ކޮމަންވެލްތުގެ މެންބަރު ޤައުމެއްގެ ގޮތުގައި ރާއްޖެ އަލުން ހަމަޖެހުނުކަން އެ ޖަމްޢިއްޔާގެ ސެެކެޓްރީ ޖެނެރަލް އަންގަވާފައި ވާކަމަށެވެ. އަދި މިއީ ދިވެހި ރައްޔިތުންނަށް ބައިނަލްއަޤްވާމީ މަސްރަޙުގައި ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ކޮމަންވެލްތުގެ މެންބަރުކަން ރާއްޖެއަށް އަލުން ލިބުމާއެކު ރާއްޖެ ވެގެންގޮސްފައި މިވަނީ އެ ޖަމްޢިއްޔާގެ 54ވަނަ މެންބަރު ޤައުމަށެވެ.

ދިވެހިރާއްޖެ ކޮމަންވެލްތުން ވަކިވީ 2016 ވަނަ އަހަރުގެ އޮކްޓޯބަރ 13 ގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައެވެ. އަދި އެނިންމުން ބަދަލުކޮށް ދިވެހިރާއްޖެއިން ކޮމަންވެލްތުގެ މެމްބަރަކަށް އަލުން ވުމަށް ސަރުކާރުން ހުށަހެޅީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހުގައެވެ. ކޮމަންވެލްތުގައި އަލުން ބައިވެރިވުމަކީ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވައުދުފުޅެކެވެ.