އިންޑިއާގެ ވަޒީރުންނާއި ޕާލިމެންޓް މެންބަރުން ޕާކިސްތާނާއެކު ގާއިމުކުރެވުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ތާއީދުކޮށްފައިވެއެވެ.

މިގޮތުން ކޮންގްރެސްގެ ޕާލިމެންޓް މެންބަރު ޝަޝީ ތަރޫރު ވިދާޅުވެފައިވަނީ، ސުލްޙަވެރިކަމަކީ ކޮންމެހެން ބޭނުންތެރި އެއްޗެއްކަމަށެވެ.

Ad
rt

"އިންޑިއާ އަކަށް ދިގު މުއްދަތެއްގެ ހަނގުރާމައެއް ބޭނުމެއް ނުވޭ، އިންޑިއާ ބޭނުންވީ ފިލާވަޅެއް ދިނުމަށް، އަދި އެ ފިލާވަޅު ދެވިއްޖެ،" އޭނާ ނޫސްވެރިންނަށް ވިދާޅުވިއެވެ.

ދިއްލީން، ރާޖްޔާ ސަބާގެ މެންބަރު ކަޕިލް ސިބަލް ވެސް ވަނީ ދެފަރާތަށްވެސް ހަނގުރާމަ ހުއްޓާލުމާ ގުޅިގެން މަރުޙަބާ ކިޔުއްވާފައެވެ.

"މިހާރު އަހަރެމެންނަކަށް ހަނގުރާމައާ އެއްވެސް ގުޅުމެއް ނެތް މަޢުޞޫމު ފުރާނަތަކެއް ގެއްލިގެންދާ މަންޒަރެއް ނުފެންނާނެ،" އޭނާ ވިދާޅުވިއެވެ.

އިންޑިއާގެ ބެލުމުގެ ދަށުގައިވާ ކަޝްމީރުގައި ހުންނަ ބަރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ ސަރަޙައްދީ ލީޑަރު ރަވިންދަރ ރައިނާ ވަނީ އިންޑިއާގެ ސިފައިން ޕާކިސްތާނުގެ "ޢަމަލަކަށް އަގު އަދާކޮށްފިކަމަށް" ވިދާޅުވެފައެވެ.

އިންޑިއާގެ ބެލުމުގެ ދަށުގައިވާ ކަޝްމީރުގެ ސްރީނަގަރުގައި ހުންނަ ޕީޕަލްސް ޑިމޮކްރެޓިކް ޕާޓީގެ ލީޑަރު މެހްބޫބާ މުފްތީ ވަނީ މެދުވެރިއްގެ ދައުރު އަދާކޮށްދެއްވީތީ އެމެރިކާގެ ރައީސް ޓްރަމްޕަށް ޝުކުރު އަދާކުރަށްވާފައެވެ.

"ސިފައިންގެ ޙައްލަކީ ޙައްލެއް ނޫން، ސިޔާސީ މެދުވެރިވުމަކީ އަބަދުވެސް ބޭނުންތެރި އެއްޗެއް،" އޭނާ ވިދާޅުވިއެވެ.

މި ދެ ޤައުމު ސުލްހަވުމަށް ނިންމިކަން ފުރަތަމަ ޢިއުލާންކުރަށްވާފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެވެ.