ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަސް މިއަދު ފާހަގަކުރަމުން އަންނައިރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރާއްޖޭގެ ކުޑަކުދިންނަށް ހާއްސަ ނަސޭހަތެއް ދެއްވައިފިއެވެ.
މިއަދު ފާހަގަކުރާ ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ފޮނުއްވި ޚިޠާބުގައި ރާއްޖޭގެ ކުޑަކުދިންނަށް ރައީސް ދެއްވި މި ހާއްސަ ނަސޭހަތުގައި ރައީސް އިސްކަންދެއްވާފައިވަނީ ކުޑަކުދިންގެ އުމުރުގެ އަގުހުރިކަމާއި، ދީނީ އަދި ޤައުމީ ވާޖިބުތަކަށެވެ.
ރައީސް މުޢިއްޒުގެ ނަސޭހަތުގައި ކުޑަކުދިންނަށް ގޮވާލައްވާފައިވަނީ ކޮންމެ ދުވަހަކުވެސް އާ އެއްޗެއް ދަސްކުރުމަށާއި، ކުރިއެރުން ހޯދުމަށް މަސައްކަތްކުރުމަށެވެ. އަދި ފަރުޟު ފަސްނަމާދު އަދާކުރުމާއި، ދީނަށް ޙުރުމަތްތެރިކޮށް ހިތުމާއި، ދިވެހި އާދަކާދަތަކަށް އަހުލުވެރިވުމަށްވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.
"ތިޔަ ކުދިންގެ މަންމަ ދެކެ ވާ ލޯބި، ތިޔަ ކުދިންގެ މި ޤައުމު ދެކެވެސް ވާށެވެ،" ރައީސް ވިދާޅުވިއެވެ. އަދި ވަގުތު ބޭކާރު ނުކުރުމަށާއި، ޞިއްޙީ އާދަތަކުގައި ހިފުމަށާއި، ބަސްއަހާ ކިޔަމަންތެރި ކުދިންގެ ގޮތުގައި ދެމިތިބުމަށްވެސް ވަނީ އިރުޝާދު ދެއްވާފައެވެ.
ރައީސް މުޢިއްޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ކުޑަކުދިންނަކީ "އަޅުގަނޑުމެންގެ ލޯތަކުގެ ފިނިކަމެވެ. ހިތްތަކުގެ ހަމަޖެހުމެވެ. ޤައުމުގެ ދެމިއޮތުމެވެ." އަދި ޅަދަރީން ހެޔޮގޮތުގައި ބޮޑެތި ކުރުމަކީ ފާގަތި ކުރިމަގަކަށް އޮތް އެންމެ ބޮޑު ޔަގީންކަންކަމުގައި ވިދާޅުވިއެވެ.
ރައީސްގެ މި ޚިޠާބުގައި ވަނީ ކޮންމެ ނޭދެވޭ ކަމަކުން ދިވެހިރާއްޖޭގެ ހުރިހާ ކުޑަކުދިން ދުރުހެލިކުރުމަށް މިއަދު އަޒުމު ކަނޑައަޅަންޖެހޭކަން ވެސް ފާހަގަކުރަށްވާފައެވެ.
މީގެ އިތުރުން ކުދިންނަކީ ޤައުމުގެ މުސްތަޤުބަލް ކަމަށާއި، އެ ކުދިން ހަރުދަނާ ޖީލެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުމަކީ ޤައުމީ ވާޖިބެއް ކަމުގައި ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!