ޔުއެފާ ޔޫރޮޕާ ލީގުގެ ފައިނަލުން މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ޖާގަ ހޯދައިފިއެވެ.

ރޭ އަމިއްލަ ދަނޑުގައި ޔުނައިޓެޑުން އެތުލެޓިކް ބިލްބާއޯގެ މައްޗަށް ކުރިހޯދީ ފަހަތުން އަރައި 4-1 ގެ ނަތީޖާ އިންނެވެ. ޔުނައިޓެޑުން ފުރަތަމަ ލެގުގައި، މިދިޔަ ހަފްތާގައި އެތުލެޓިކްގެ މައްޗަށް ކުރިހޯދީ 3-0 ގެ ނަތީޖާ އަކުންނެވެ. ވުމާއިއެކު ޔުނައިޓެޑަށް ފައިނަލުން ޖާގަ ލިބިފައިވަނީ 7-1 ގެ އެގްރިގޭޓް ނަތީޖާއިންނެވެ.

Ad
rt

ޔޫރޮޕާ ލީގު ކާމިޔާބު ކުރާ ޓީމަކަށް އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުން ފުރުސަތު ލިބޭނެއެވެ. އިނގިރޭސި ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމަށް މިއީ އުނދަގޫ ސީޒަނެކެވެ. ކޮންމެ ޓީމަކަށް ބާކީ ތިން މެޗު އޮތް އިރު، ޔުނައިޓެޑް އޮތީ 20 ޓީމު ވާދަކުރާ ލީގުގެ 15 ވަނައިގައެވެ. އަދި ޓޮޓެންހަމް އޮތީ 16 ވަނައިގައެވެ.

މެޗުގައި ފުރަތަމަ ލަނޑު31 ވަނަ މިނިޓުގައި ބިލްބާއޯއަށް ޖަހައިދިނީ މިކޭލް ޖައުރެގީޒާއެވެ. ފުރަތަމަ ހާފު ނިމިގެން ދިޔައީ މި ނަތީޖާއިން ބިލްބާއޯ ކުރީގައި އޮވެގެންނެވެ. ދެވަނަ ހާފުގެ ކުރީކޮޅުވެސް އެ ޓީމުން ވަނީ ރަގަޅު ކުޅުމެއް ދައްކާ ޔުނައިޓެޑްގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ.

ނަމަވެސް މެޗުގެ 62 ވަނަ މިނިޓުގައި މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ރުބެން އަމޮރިމް ވަނީ މެނުއެލް އުގާޓޭ އާއި މަޒްރޯއީ އަދި ގަރްނާޗޯގެ ބަދަލުގައި މޭސަން މައުންޓު އާއި ލޫކް ޝޯގެ އިތުރުން ދިއާލޯ ކުޅެން އަރުވާފަ އެވެ. އަދި މި ބަދަލުތަކާއިއެކު އެ ޓީމުން ކުޅުން ވަނީ ވަރަށް ބޮޑުތަން ރަގަޅުވެފަ އެވެ.

މި މެޗުގައި މޭސަން މައުންޓް ކުޅެން އެރިތާ 10 މިނިޓު ފަހުން މެޗުގެ 72 ވަނަ މިނިޓުގައި އޭނާ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މިއީ ފާއިތުވެދިޔަ 10 މަސް ދުވަހުގެ ތެރޭގައި މޭސަން މައުންޓް ޖެހި ފުރަތަމަ ލަނޑެވެ. އަދި އޭގެ ހަތް މިނިޓު ފަހުން ކަސެމީރޯ ވަނީ އިތުރު ލަނޑެއް ޖަހާ މި މެޗުގައި ފުރަތަމަ ފަހަރަށް ޔުނައިޓެޑަށް ކުރި ހޯދަދީފއެވެ.

މެންޗެސްޓަރ ޔުނައިޓެޑް އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަށް ވެފައިވަނިކޮށް އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ރަސްމުސް ހޮއިލަންޑްއެވެ.

ރޭ ކުޅުނު ދެ ވަނަ ސެމީ ފައިނަލުގައި ޓޮޓެންހަމް އިން ބޯޑޯ ގިލްމްގެ މައްޗަށް ކުރިހޯދީ 2-0 ގެ ނަތީޖާއިންނެވެ. ޓޮޓެންހަމުން ކުޅުނު ފުރަތަމަ ލެގުގެ މެޗު ކާމިޔާބުކުރީ 3-1 ގެ ނަތީޖާ އަކުންނެވެ. ވުމާއިއެކު ޓޮޓެންހަމަށް ފައިނަލުން ޖާގަ ލިބިފައި ވަނީ 5-1 ގެ އެގްރިގޭޓް ނަތީޖާއިންނެވެ.

މި މެޗުގައި ފެނިގެންދިޔަ ދެ ލަނޑު ވެސް ފެނިގެންދިޔައީ ދެ ވަނަ ހާފުގައެވެ. އެ ގޮތުން މެޗުގެ 63 ވަނަ މިނިޓްގައި ޓޮޓެންހަމް އަށް ލީޑު ނަގައިދިނީ ޑޮމެނިކް ސޮލާންކޭ އެވެ. އަދި އޭގެ ހަ މިނިޓް ފަހުން ޓޮޓެންހަމް އަށް ލީޑު ފުޅާކޮށްދިނީ ޕެޑްރޯ ޕޮރޯއެވެ.

މި މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ މި މަހު 22 ވަނަ ދުވަހުއެވެ.