ކުޅުދުއްފުށި ސިޓީ ކައުންސިލުން މި ހަފްތާ ވުޒާރާތަކުގެ އިސްވެރިންނާއި ކުރެއްވި ބައްދަލުވުންތަކުގެ ތެރެއިން ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަދި ޗީފް އޮޕަރޭޓިން އޮފިސަރ އާއި ބައްދަލުކުރައްވައިިފިއެވެ.
މި ހަފްތާގެ ބުދަ ދުވަހު މިނިސްޓްރީގައި ކުރެއްވި މި ބަައްދަލުމުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މޭޔަރ މުޙައްމަދު އާޠިފް އާއި ކައުންސިލުގެ ބައެއް މެންބަރުން ބައިވެރިވެޑައިގެންފައިވެއެވެ.
ސިޓީ ކައުންސިލުން މައުލޫމާތު ދިންގޮތުގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި މި ބައްދަލުވުމުގައި އުފުލާފައިވާ ކަންބޮޑުވުމަކީ، ކުޅުދުއްފުށީގައި ފެނަކައިން ދެމުންދާ ކަރަންޓްގެ ޚިދުމަތަށް ދާއިމީ ހައްލެއް ހޯދުމަށް އިމާރާތްކުރަން ފަށާ ބޮޑުބައެއް ނިމިފައިހުރި އައު އިންޖީނުގޭގެ މަސައްކަތް ހުއްޓިފައި ހުންނަތާ އަހަރަކަށްވުރެ ގިނަދުވަސް ވެފައިވުމާއެކު އެ މަސައްކަތް ކުރިއަށް ގެންދެވޭނެއެއްވެސް އިންތިޒާމެއް މިވަގުތު ރޭވިފައި ނުވުމެވެ.
އަދި މި ބައްދަލުވުމުގައި އައު އިންޖީނުގޭގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ގޮތެއް ހޯއްދަވައިދެއްވުމަށާއި، ރަށުގެ ވޯލްޓޭޖް ޑްރޮޕްވާ ސަރަހައްދުތަކުގެ ސަބްސްޓޭޝަންތަކާއި ކޭބަލް އަޕްގްރޭޑް ކުރުމުގެ މަސައްކަތް އަވަސްކޮށްދިނުމަށް އެދިފައިވެއެވެ.
މީގެ އިތުރުން ކައުންސިލްތަކާޢި އަމިއްލަ ފަރާތްތަކުން ސޯލާ ހަރުކުރުމަށް ފެނަކައިން ހޯދަންޖެހޭ ލިޔެކިއުމާއި ހަމަޖައްސަން ޖެހޭ އިންތިޒާމުތައް ހަމަޖެއްސުމުގައި މިހާރަށްވުރެއް ލުއިފަސޭހަ ގޮތްތަކެއް އިންތިޒާމު ކުރުމާމެދު މަޝްވަރާކޮށްފައިވެއެވެ.
އަދި ހަމައެހެންމެ، ކުޅުދުއްފުށި ސިޓީގައި ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސިޓީ ކައުންސިލާއެކު އެއްބަސްވުމެއްގައި ސޮއި ކުރުން އަވަސްކޮށްދިނުމަށްވެސް ކައުންސިލުން އެދިފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!