މޯލްޑިވްސް އިމިގްރޭޝަންގެ އިމުގާ ޕޯޓަލް ނަމުގައި ފޭކް ޕޯޓަލްތަކެއް ހިންގަމުންދާތީ، އާންމުން މިކަމަށް ސަމާލުވުމަށް އެ އިދާރާއިން އެދިއްޖެއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މިއަދު މީސްމީޑިއާގައި މެދުވެރިކޮށް ވަނީ ރާއްޖެއަށް ވައިގެ މަގުން އަންނަ ބޭރުގެ ގައުމުތަކުގެ މީހުން ފުރަންޖެހޭ "ޓްރެވެލާ ޑެކްލެރޭޝަން" ފޯމު ނުވަތަ އިމުގާ ފޯމު ދޫކުރުމުގެ ނަމުގައި، އިމުގާ އެޕްލިކޭޝަން، އިމުގާ އޮންލައިން އަދި އިމުގާ މޯލްޑިވްސް ޑޮޓް ނެޓް ފަދަ ނަންނަމުގައި ފޭކް ވެބްސައިޓްތަކެއް ހިންގަމުންދާކަން ފާހަގަކޮށްފައެވެ.

Ad
rt

މި ވެބްސައިޓްތަކުން އޮޅުވާލައިގެން ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

އެހެންވެ، އިމިގްރޭޝަނުން އާންމުންނަށް އިލްތިމާސްކޮށްފައިވަނީ، މިފަދަ ފޭކް ވެބްސައިޓްތަކަށް ސަމާލުވެ، އިމިގްރޭޝަންގެ ރަސްމީ ވެބްސައިޓް ކަމުގައިވާ އިމުގާ ޑޮޓް އިމިގްރޭޝަން އިން މެނުވީ އެއްވެސް ފޯމެއް ޑައުންލޯޑު ނުކުރުމަށެވެ.

އިމުގާއަކީ މޯލްޑިވްސް އިމިގްރޭޝަނުން ބަލަހައްޓާ އޮންލައިން ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމުގައި ދަތުރުފަތުރާ ގުޅޭ އިޤްރާރުތަކާއި، ޕާސްޕޯޓަށް އެދޭ ފޯމުތައް ހިމެނޭގޮތަށް، އިމިގްރޭޝަނާ ގުޅުންހުރި އެކިއެކި ފޯމުތަކާއި ޚިދުމަތްތައް ހުށަހެޅުމުގެ ފުރުސަތު ލިބެއެވެ. ޚާއްޞަކޮށް ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން ދަތުރުގެ ކުރިންނާއި ދަތުރުގެ ތެރޭގައި ފުރިހަމަކުރަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރުމަށް ބޭނުންކުރާ މައިގަނޑު ވަސީލަތަކީ އިމުގާއެވެ.