ތެލެސީމިއާ ސެންޓަރުގެ ޚިދުމަތް ހަރުދަނާ ކުރެއްވުމުގެ ގޮތުން، އެ ސެންޓަރުގެ އިދާރީ ހިންގުމާއި ޚިދުމަތުގެ ގަޑިތަކަށް ބަދަލުގެންނަވައި، މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށަށް، މޯލްޑިވިއަން ބްލަޑް ސަރވިސަސް (އެމް. ބީ. އެސް) ވަރަށް އަވަހަށް ބަދަލުކުރައްވަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިކަން ހާމަކުރެއްވީ، "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 5 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ބަދަލާއެކު، ތެލެސީމިއާ ސެންޓަރުގެ ޚިދުމަތްތައް ހުޅުމާލޭގައި ހުންނަ "އޮރެންޖް ހިޔާ" އިމާރާތުގައި ދޭން ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި އިމާރާތަކީ ކުރީގެ ތަނަށްވުރެ ޖާގަ ބޮޑު، ތަނަވަސް ތަނެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، މި ބަދަލާއެކު ތެލެސީމިއާ ބަލިމީހުންނަށް ލިބޭ ޚިދުމަތްތައް ފުޅާވެ، ރަނގަޅުވާނެ ކަމަށެވެ. ޚާއްޞަކޮށް ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކުމުގައި ދިމާވާ ދަތިތަކަށް ޙައްލު ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ބަދަލާއެކު، މުޅި ރާއްޖޭގައި ކޮންމެ އަތޮޅެއްގައިވެސް ހިންގާ އޮފްޝޫޓް ޚިދުމަތްތައްވެސް ހަރުދަނާވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، މި ބަދަލު ގެނައުމަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ހޯދުމަށް ބަޖެޓް ހަމަޖައްސަވާފައއިވާ ކަމަށެވެ. އަދި މުވައްޒަފުންގެ ގޮތުން ބަލާއިރު، ނަރުހުންނާއި އެހެނިހެން މުވައްޒަފުން އިތުރުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ތެލެސީމިއާ ސެންޓަރާއި ބްލަޑް ސަރވިސް ހިންގުމުގެ ކަންކަމާ ހަވާލުވާނެ ކަމަށެވެ. މިއީ ވަރަށް ބޮޑު ބަދަލެއް ކަމަށާއި، މި ބަދަލާއެކު ތެލެސީމިއާ ބަލިމީހުންނަށް ލިބޭ ޚިދުމަތްތައް އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!