ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ދެވަނަ ލެގުގެ މެޗު ވެސް ކާމިޔާބުކޮށް ޕީއެސްޖީން މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.

މި ދެ ޓީމް ބައްދަލުކުރި ސެމީ ފައިނަލުގެ ފުރަތަމަ ލެގުގެ މެޗު ކުރީ ހަފްތާގައި ކުޅުނީ އާސެނަލްގެ ދަނޑުގައެވެ. އެ މެޗު ޕީއެސްޖީ ކާމިޔާބުކުރީ 1-0 ގެ ނަތީޖާއިންނެވެ. ދެވަނަ ލެގުގެ މެޗު ރޭ ޕީއެސްޖީގެ ދަނޑުގައި ކުޅެފައިވާއިރު، ރޭ މެޗު ޕީއެސްޖީން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއިންނެވެ. ޕީއެސްޖީއަށް ފައިނަލުން ޖާގަ ލިބިފައިވަނީ 3-1 ގެ އެގްރިގޭޓް ނަތީޖާއިން ކުރި ލިބިގެންނެވެ.

Ad
rt

ރޭ މެޗު ފަށައިގެން ރަނގަޅަށް ކުޅުނީ އާސެނަލުންނެވެ. އެގޮތުން ފުރަތަމަ 10 މިނިޓް ތެރޭ އާސެނަލުން ރަނގަޅު ތިން ހަމަލާ ފޮނުވާލި އެވެ. އާސެނަލްގެ ޑެކްލަން ރައިސް ބޮލުން ޖެހި ބޯޅަ ގޯލު ދަނޑި ކައިރިން ބޭރަށްދިޔައިރު ގަބްރިއެލް މާޓިނެލީ އާއި މާޓިން އޮޑެގާޑް ފޮނުވާލި ބޯޅަތައް ޕީއެސްޖީގެ ކީޕަރު ޖިއަންލުއީޖީ ޑޮންނަރުންމާ ވަނީ މަތަކޮށްފައެވެ.

މަޑުމަޑުން ގޭމްތެރެއަށް ވަދެ ޕީއެސްޖީން އާސެނަލަށް ނުރައްކާކުރަން ފެށިއެވެ. އެގޮތުން، ޕީއެސްޖީގެ ކްރަވަޝްޚޭލިއާ ފޮނުވާލި ބޯޅައެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފައެވެ. ޕީއެސްޖީން ލީޑުނެގީ، 27 ވަނަ މިނިޓްގައި ފަބިއަން ރުއީޒް ޖެހި ގޯލުންނެވެ. އޭރިއާތެރެއިން އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ އާސެނަލްގެ ވިލިއަމް ސަލީބާ ގައިގައި ޖެހިފަ އެވެ.

ދެވަނަ ހާފުގައި ލީޑު ފުޅާކުރަން ޕީއެސްޖީއަށް ލިބުނު ޕެނަލްޓީ، ވިޓީނިއާ ފޮނުވާލިއިރު އެ ބޯޅަ އާސެނަލްގެ ކީޕަރު ވަނީ މަތަކޮށްފައެވެ. ޕީއެސްޖީއަށް މި ޕެނަލްޓީ ދީފައިވަނީ އޭރިއާތެރެއިން މައިލްސް ލެވިސް ކެލީ އަތުގައި ޖެހުމުންނެވެ.

މި މެޗުގައި ޕީއެސްޖީ އިން ލީޑު ފުޅާކޮށްފައިވަނީ މެޗުގެ 72 ވަނަ މިނިޓުގައި އާސެނަލްގެ ތޯމަސް ޕާޓޭ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ އަޝްރަފް ހަކީމީ ކާމިޔާބުކޮށްދިން ލަނޑަކުންނެވެ.

ނަމަވެސް އޭގެ ހަތަރު މިނިޓު ފަހުން އާސެނަލްގެ ސަކާ ވަނީ ލަނޑެއް ޖަހާ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑާއެކު އާސެނަލްގެ ކުޅުން ހަލުވި ވެގެންދިޔަ ނަމަވެސް އެ ޓީމަށް ވަނީ އިތުރު ލަނޑެއް ޖެހޭގޮތް ނުވެފައެވެ.

މިއީ ޕީއެސްޖީ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރު ކުރި ދެ ވަނަ ފަހަރެވެ. މީގެ ކުރިން ޕީއެސްޖީ ވަނީ 2020 ވަނަ އަހަރުގެ ފައިނަލްގައި ކުޅެފައެވެ. ކޮވިޑާ ގުޅިގެން ސަޕޯޓަރުން ނުވައްދައި ކުޅުނު އެ ފައިނަލްގައި، ތޯމަސް ޓުކެލް އާއެކު ނުކުތް ޕީއެސްޖީ ވަނީ ހަންސީ ފްލިކްގެ ބެޔާން މިއުނިކް އަތުން ބަލިވެފައެވެ.

މި އަހަރުގެ ފައިނަލްގައި ލުއިސް އެންރީކޭގެ ޕީއެސްޖީ ނުކުންނާނީ ކުއާޓާގައި ބެޔާން މިއުނިކް ކަޓުވާލި އިންޓަ މިލާނާ ދެކޮޅަށެވެ. އިންޓަ ވަނީ ސެމީ ފައިނަލްގައި ފްލިކްގެ އިރުޝާދުގެ ދަށުން ކުޅޭ ބާސެލޯނާ ބަލިކޮށްފައެވެ.

ޗެމްޕިއަންސް ލީގު ފައިނަލް، މި މަހު 31 ވަނަ ދުވަހު ބަޔާންގެ އަލިއާންޒް އެރީނާގައި ކުޅޭއިރު، ޕީއެސްޖީން ބައްދަލުކުރާނީ އިންޓަ މިލާނާއެވެ.