ދ. ވާނީގައި ތަމްރީނު ހަދަން ގޮސްހުއްޓާ ހާލު ދެރަވެގެން މާލެ ގެނެސް ފަރުވާދެމުން ދިޔަ، ޕޮލިސް ކޮންސްޓަބަލް ޙުސައިން ގާއިސް (34އ) މިއަދު ނިޔާވެއްޖެއެވެ.

ޕޮލިސް ކޮންސްޓަބަލް ޙުސައިން ގާއިސް (34އ) އަކީ ދ. ވާނީގައި ހުންނަ ޕޮލިސް ޓްރެއިނިންގ ސެންޓަރުގައި ކުރިއަށްދާ 40 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިންގ ކޯހުގައި ތަމްރީން ހަދަމުން ދިޔަ ދަރިވަރެކެވެ.

Ad
rt

އޭނާގެ ހާލު ކުއްލިއަކަށް ދެރަވެގެން މާލެ ގެންނަންޖެހުމާއި ގުޅިގެން ފުލުހުން އެދުވަހު ބުނީ، 4 މެއި 2025 ވަނަ ދުވަހުގެ ފަތިހު 04:21 އެހައިކަންހާއިރު، ވޭކް-އަޕް ކޯލް ދިނުމަށް މުދައްރިބުން ދަރިވަރުންގެ ބެރެކްސްތަކަށް ވަދެ ދަރިވަރުން ހޭލައްވަމުން ދިޔައިރު ޙުސައިން ގާއިސްއަށް ގޮވުމުންވެސް ހަބަރެއް ނުވެ ހަރަކާތެއްވެސް ނެތުމުން، 04:27 ގައި އޭނާ މެޑިކަލް ރޫމަށް ގެންގޮސް އަވަސް ފަރުވާ ދޭން ފެށިކަމަށެވެ.

އެއަށްފަހު ޑޮކްޓަރުގެ ލަފާގެ މަތިން، 04:48 ގައި އިތުރު ފަރުވާއަށް ދ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނުމަށްފަހު، އަދި އެ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު، އެދުވަހު 13:22 ހާއިރު އެއާ އެމްބިއުލާންސްގައި މާލެ ގެނެސްފައިވާކަމަށެވެ.

ޕޮލިސް ކޮންސްޓަބަލް ޙުސައިން ގާއިސް މާލެ ގެނެސް ފަރުވާ ދެމުން ދިޔައީ އައިޖީއެމްއެޗް ހޮސްޕިޓަލްގައި ވެންޓިލޭޓަރުގެ އެހީގައެވެ.

ފުލުހުން މިއަދު ބުނީ، ފަރުވާދެމުން ދަނިކޮށް މިއަދު ހަވީރުގެ ވަގުތެއްގައި ޙުސައިން ގާއިސް ނިޔާވެފައިވާ ކަމަށެވެ.

''މަރްހޫމްގެ އާއިލާއަށާއި، އެންމެހައި ރައްޓެހިންނަށާއި އެކުގައި ތަމްރީން ފުރިހަމަ ކުރަމުން ދިޔަ ފުލުހުންނަށް ތައުޒިޔާ ދަންނަވަމެވެ. އަދި މަރްހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރެއްވުން އެދި ދުއާ ދަންނަވަމެވެ.'' ފުލުހުން ބުނެފަވެއެވެ.