އިސްލާމިކް ފައިނޭންސްގެ މައި މާލީ މަރުކަޒަކަށް ދިވެހިރާއްޖެ ހެދުމަކީ މި ސަރުކާރުގެ އަމާޒެއްކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިފަދައިން ވިދާޅުވީ، މަރުކަޒީ ބޭންކް، އެމްއެމްއޭގެ މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭންސް އިނީޝިއެޓިވް އިފްތިތާހް ކުރުމަށް މިއަރު ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުގެ ތަސައްވުރަކީ ޑިޖިޓަލް އިޤްތިޞާދީ ބަދަލަކުން ހަކަތަ ލިބިފައިވާ، އިސްލާމިކް ފައިނޭންސްގެ މައި މާލީ މަރުކަޒަކަށް ދިވެހިރާއްޖެ ހެދުން ކަމުގައެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭންސް އިނީޝިއެޓިވްގެ ޚިޔާލު އުފަންވެފައިވަނީ ކުރިއަށް އޮތް ނޭޝަނަލް ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓަޖީއިން ކަމަށާއި، މިއަދު އިފްތިތާޙުކުރި އިނީޝިއެޓިވްއަކީ ޤައުމީ ތަރައްޤީގެ އެޖެންޑާ ކުރިއެރުވުމަށް އެޅި އިތުރު ފިޔަވަޅެއް ކަމުގައެވެ.
ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދިވެހިންގެ ޝަޚްޞު ބިނާވެފައިވަނީ އޯގާތެރިކަމާއި، ޢަދުލުވެރިކަމާއި، އިޖުތިމާޢީ ހަމަހަމަކަން ފަދަ ދިރުންހުރި ގިޔަމުތަކުގެ މަތީގައެވެ. އަދި މި އިނީޝިއެޓިވުން ނަގަހައްޓަން އުންމީދުކުރައްވާ އިސްލާމިކް ސޯޝަލް ފައިނޭންސްގެ އަސާސްތަކަކީވެސް އެއީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި، ރައީސް މުޢިއްޒު ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އިސްލާމިކް ސޯޝަލް ފައިނޭންސް ދިރާސާ ރިޕޯޓު އިފްތިތާޙުކޮށްދެއްވާފައެވެ. އަދި ބޭންކް އޮފް މޯލްޑިވްސް އާއި މޯލްޑިވްސް އިސްލާމިކް ބޭންކުން ރައީސަށް ވަނީ "ކޮމިޓްމަންޓް ލެޓަރ" އަރުވާފައެވެ.
ރައީސް މުޢިއްޒު ވާހަކަފުޅު ނިންމަވާލެއްވީ، ނޭޝަނަލް މާސްޓަރ ޕްލޭން އެންޑް ރޯޑްމެޕް ފޯ އިސްލާމިކް އިކޮނޮމީޒް އެންޑް ފައިނޭންސް އެކުލަވާލުމުގެ މަސައްކަތް، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކާއެކު ކުރިއަށްދާކަން އިޢުލާންކުރައްވަމުންނެވެ. މި މާސްޓަރ ޕްލޭނުން ދިވެހިރާއްޖޭގައި ޤާއިމުކުރާ އިސްލާމިކް ފައިނޭންސް އާއި ޑިޖިޓަލް އިނޮވޭޝަންގެ ޝާމިލު ވެށި އަންގައިދޭނެ ކަމަށާއި، މިކަމަށް ބޭނުންވާ ޤާނޫނީ އެއްބާރުލުންދިނުމުގެ ގޮތުން ޤާނޫނީ އޮނިގަނޑަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްތައްވެސް ސަރުކާރުން މިހާރު ވަނީ ފަށާފައެވެ.
މި އިނީޝިއެޓިވުން މުޖުތަމަޢަށް ބޭނުންވާ ތަފާތު ކަންކަން ފުއްދައިދިނުމަށް ކުރާ މަސައްކަތުގައި މަދަނީ ޖަމާޢަތްތަކާއި މާލީ ދާއިރާއާ ދެމެދު އޮންނަންޖެހޭ ގުޅުންތަކަށް މަގުފަހިކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާނެކަމަށް ބެލެވޭއިރު، މި އިނީޝިއެޓިވްގެ ސަބަބުން، ދިވެހިރާއްޖޭގައި އިސްލާމިކް ފައިނޭންސްގެ ދާއިރާ އިތުރަށް ފުޅާވެ، ޤައުމުގެ އިޤްތިޞާދީ ދުވެލި އަވަސްވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ. އަދި މިކަމުގެ ސަބަބުން ދިވެހިރާއްޖެއަށް ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުވެ، ވަޒީފާގެ ފުރުޞަތުތައް އިތުރުވެގެންދާނެ ކަމަށްވެސް ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!