އިންޑިއާ އިން "އޮޕަރޭޝަން ސިންދޫރު" ގެ ނަމުގައި، ޕާކިސްތާނާއި ޕާކިސްތާނުގެ ބެލުމުގެ ދަށުގައިވާ ކަޝްމީރުގެ 9 ސަރަޙައްދަކަށް ރޭ ދިން މިސައިލް ހަމަލާ "ހިތާމަވެރި" ކަމެއްގެ ގޮތުގައި ސިފަކޮށް، ދެފަރާތުންވެސް ހަމަޖެހުމަށް ޗައިނާއިން ގޮވައިލައިފިއެވެ.

ޗައިނާގެ ޚާރިޖިއްޔާ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މިއަދު ފަތިހު އިންޑިއާއިން ހިންގި ސިފައިންގެ އޮޕަރޭޝަނަކީ ހިތާމަވެރި ކަމެއްކަމުގައި ޗައިނާއިން ދެކޭކަމަށެވެ. އަދި މިހާރު ކުރިއަށްދާ ހާލަތާމެދު ކަންބޮޑުވާކަމަށެވެ.

Ad
rt

"އިންޑިއާއާއި ޕާކިސްތާނަކީ އަބަދުވެސް ވާނީ އެއްބައެއްގެ އަވައްޓެރިންނަށެވެ. އަދި އެއީ ޗައިނާގެވެސް އަވައްޓެރިންނެވެ. ޗައިނާއިން ހުރިހާ ބާވަތެއްގެ ޓެރަރިޒަމަކަށް ދެކޮޅުހަދަމެވެ. އަޅުގަނޑުމެން ދެފަރާތަށްވެސް ގޮވާލަނީ ސުލްޙައާއި ހަމަޖެހުމުގެ މަޞްލަޙަތަށް އިސްކަންދީ، ހަމަޖެހުން ގެންގުޅެ، ކެތްތެރިވެ، އަދި ހާލަތު އިތުރަށް ގޯސްވެދާނެ ފަދަ ފިޔަވަޅުތައް ނޭޅުމަށެވެ." ޗައިނާއިން ބުނެފަވެއެވެ.

ޕާކިސްތާނާއި ޕާކިސްތާނުގެ ބެލުމުގެ ދަށުގައިވާ ކަޝްމީރުގެ 9 ސަރަޙައްދަކަށް ހަމަލާދީފައިވާ ކަމަށް އިންޑިއާއިން ބުނެފައިވާއިރު، މިއީ ނިއުކްލިއަރ ހަތިޔާރު އޮތް ދެ ވާދަވެރި ޤައުމު ފުރިހަމަ ހަނގުރާމައަކާ ހަމައަށް ދަތުރުކުރަމުންދާ ވަގުތެކެވެ.

މިސައިލްތަކުން ވަރަށް ފަރުވާތެރިކަމާއެކު "ޓެރަރިސްޓް އިންފްރާސްޓްރަކްޗަރ" އަށް އަމާޒުކޮށް ހަމަލާދީފައިވާ ކަމަށް އިންޑިއާއިން ބުނެފައިވާއިރު، އިންޑިއާގެ އާމީން ނެރުނު ބަޔާނެއްގައި ބުނެފައިވަނައިވަނީ މި ހަމަލާއަކީ "އިތުރަށް ކަންކަން ގޯސްވެގެން ދިއުމަށް މަގުފަހިވާފަދަ" ހަމަލާއެއް ނޫން ކަމަށާއި، ޕާކިސްތާނުގެ އަސްކަރީ ތަންތަނަށް ގަސްދުގައި އަމާޒު ނުކުރާ ކަމަށެވެ.

ޕާކިސްތާނުން ބުނެފައި ވަނީ އިންޑިއާގެ ހަމަލާތަކުގައި ޕާކިސްތާނުގެ 6 ސިޓީއެއްގައި މަދުވެގެން 8 އާންމު ރައްޔިތުން މަރުވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ދެ ކުޑަކުދިން ހިމެނެއެވެ. ޕާކިސްތާނުގެ ވަޒީރުން އިތުރަށް ބުނެފައިވަނީ އެ ޤައުމުގެ އެއަރ ފޯސްއިން އިންޑިއާގެ އަސްކަރީ ޖެޓް މަތިންދާބޯޓު ވައްޓާލާފައިވާ ކަމަށެވެ.

އިންޑިއާގެ މިސައިލް ހަމަލާތައް - "އޮޕަރޭޝަން ސިންދޫރު" ގެ ނަމުގައި ކުރިއަށް ގެންގޮސްފައިވަނީ - އިންޑިއާގެ ބެލުމުގެ ދަށުގައިވާ ކަޝްމީރުގެ ޕަހަލްގާމްގައި އޭޕްރިލް 22 ވަނަ ދުވަހު ހިނގި ހަމަލާގެ ޖަވާބުގައެވެ. އެ ހަމަލާގައި 26 މީހުން މަރުވިއެވެ. އިންޑިއާއިން އެ ހަމަލާގެ ޒިންމާ އުފުލަން ޖެހޭނެ ކަމަށް ބުނީ ޕާކިސްތާނުންނެވެ. ނަމަވެސް އެކަމުގައި އެއްވެސް ދައުރެއް އޮތް ކަމަށް ޕާކިސްތާނުން އަންނަނީ ދެކޮޅު ހަދަމުންނެވެ. އޭގެ ފަހުން، އިންޑިއާގެ ހަތިޔާރުއެޅި ބާރުތަކުން ޕަހަލްގާމް ކައިރީގައިވާ ތަންތަން ބަލާ ފާސްކޮށް، 2،000 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށް، އަދި ފަތުރުވެރިންނަށް ވަޒަން ޖަހާފައި ފިލައިގެން ދިޔަ މީހުން ހޯދުމަށް ގޭގެއަށް ވަދެ ބަލާ ފާސްކުރިއެވެ. ނަމަވެސް އެ މަސައްކަތް ކާމިޔާބެއް ނުވިއެވެ.