ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށާއި، ރާއްޖޭގައި ނިކަމެތި ހާލުގައި ދިރިއުޅޭ އެތައް ބަޔަކަށް އެހީވުމުގައި ނަމޫނާ ދައްކަމުންދާ އަހުމަދު ހިޝާން ފުލުސް އޮފީހަށް ހާޒިރުކޮށްފިއެވެ.

ބައެއް މީޑިއާތަކުން ބުނެފައިވަނީ ހިޝާން ފުލުހުން ހުއްޓުވީ ފުރަން އެއަރޕޯޓަށް ގޮސް ފްލައިޓަށް އަރައި އިންދާ ކަމަށެވެ. ފުލުހުން އޭނާ ގެންދިޔައީ ސްރީލަންކަން އެއަރލައިންސްގެ ފްލައިޓެއްގައި އިންދާ ކަމަށްވެސް ބައެއް މީޑިއާ ޚަބަރުތައް ބުނެއެވެ.

Ad
rt

އެހެންނަމަވެސް ހިޝާން ހައްޔަރު ކުރި ކަމެއް ފުލުހުން ޔަޤީން ކޮށްދީފައެއް ނުވެއެވެ. ނަމަވެސް އޭނާ ފުލުސް އޮފީހަށް ހާޟިރު ކުރެވިފައިވާކަމަށް ފުލުހުންވަނީ ބުނެފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ ހިޝާން ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށްފައި ވަނީ އޭނާއާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކަމަށެވެ. އެކަމަކު އެއީ ކޮން މައްސަލައެއްކަމެއް ނުބުނެ އެވެ.

ހިޝާން އިއްޔެ ބުނެފައިވަނީ އޭނާ ފުލުސް އޮފީހަށް އިއްޔެ 3:30 ގައި ހާޟިރު ކުރި ކަމަށެވެ. ފުލުހުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭ ކަމަށާއި ނަމަވެސް އިއްޔެ އޭނާ ފުލުހަށް ހާޟިރު ކުރުމާއި ގުޅިގެން މީޑިއަށް ހާމަވެފައިވާ މައުލޫމާތުގައި ކުށެއްވާކަމަށާއި، އެކުށް ރަނގަޅުކޮށްދޭން އެދޭކަމަށް އޭނާ ބުނެފައި ވެއެވެ.

މި މަހުގެ 20 ވަނަ ދުވަހު މަގުމަތީގައި ހުއްޓައި ބަޔަކު ހިޝާން އަށް މަރުގެ އިންޒާރު ދިން ކަމަށް އޭނާ ވަނީ ބުނެފައެވެ.

އިއްޔެ ފުލުހުން ބުނެފައިވަނީ ހިޝާންއަށް މަރުގެ އިންޒާރުދީ ބަޔަކު ބިރުދެއްކި މައްސަލައިގެ ތަހުގީގަށް އޭނާގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށެވެ.