ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އަށް 74 އޭވިއޭޝަން ސެކިއުރިޓީ އޮފިސަރުން ހޯދުމަށް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން އިޢުލާނުކޮށްފިއެވެ.

މި މަޤާމުތަކަކީ ދާއިމީ މަޤާމުތަކެއް ކަމަށް އެ އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.

Ad
rt

މި މަޤާމުތަކަށް ހޮވޭ ފަރާތްތަކަށް މަހަކު 5,920 ރުފިޔާގެ އަސާސީ މުސާރައެއް ލިބޭނެ ކަމަށް އިޢުލާނުގައި ބުނެފައިވެއެވެ. މީގެ އިތުރުން، މަހަކު 1,500 ރުފިޔާގެ ސަރވިސް އެލަވަންސްއެއްވެސް ދެވޭނެއެވެ. އަދި ޑިއުޓީއަށް ނުކުންނަ ކޮންމެ ދުވަހަކަށް 60 ރުފިޔާގެ ކޮއްތު ފައިސާއާއި، މުސާރައިގެ 35 އިންސައްތައިގެ ސްޕެޝަލް ޑިއުޓީ އެލަވަންސްއެއްވެސް ލިބޭނެއެވެ.

މި މަޤާމުތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން 2025 މޭ 18 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ހުޅުލޭގައި ހުންނަ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ހެޑްކުއަރޓަސް އަށް ނުވަތަ career@avsecom.gov.mv އަށް އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅިދާނެއެވެ.

ބެލެވޭ ގޮތުގައި މި ވަޒީފާތައް އިތުރުކުރަނީ ވީއައިއޭގެ އައު ޓާމިނަލް ހުޅުވުމަށް ތައްޔާރުވަމުން އަންނާތީއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯދުމަށް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑާ ގުޅުމަށް އާންމުންނަށް އިރުޝާދު ދީފައިވެއެވެ.