ޔަމަނުގެ ހޫތީ ހަނގުރާމަވެރިން އިސްރާއީލުގެ ވައިގެ ބަނދަރުތަކަށް އަމާޒުކޮށް "ފުރިހަމަ" ހަމަލާއެއް ދޭން ފަށާނެ ކަމަށް އިއުލާނުކޮށްފިއެވެ. މިއީ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ އޮޕަރޭޝަންތައް ފުޅާކުރުމާ ގުޅިގެން އަޅާ ފިޔަވަޅެއް ކަމަށް ހޫތީން ބުނެފައިވެއެވެ.
އީރާނާ ގުޅުން އޮންނަ ހޫތީން ބުނެފައިވަނީ އިސްރާއީލުގެ ބެން ގުރިއަން އެއަރޕޯޓާ ކައިރިން އިއްޔެ ދިން މިސައިލް ހަމަލާގެ ޒިންމާ އެފަރާތުން ނަގާ ކަމަށެވެ. މިއީ ޣައްޒާގައި ތިބި ފަލަސްތީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ފާޅުކުރުމުގެ ގޮތުން ހޫތީން ދޭ ހަމަލާތަކުގެ ތެރެއިން އެންމެ ފަހުގެ ހަމަލާއެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ މި ހަމަލާއަށް ޖަވާބުދޭނެ ކަމަށް ބުނެފައެވެ.
ޔަމަނުން ދޭ ގިނަ ހަމަލާތައް އިސްރާއީލުގެ މިސައިލް ދިފާއީ ނިޒާމުން ދަނީ ހުއްޓުވަމުންނެވެ. ނަމަވެސް މިދިޔަ އަހަރު ޑްރޯން ހަމަލާއެއް ތެލް އަވީވްއަށް އަމާޒުކޮށް ދެވުނެވެ.
ހޫތީންގެ "ހިއުމެނިޓޭރިއަން އޮޕަރޭޝަންސް ކޯޑިނޭޝަން ސެންޓަރ" އިން ވަނީ އިސްރާއީލުގެ ވައިގެ ބަނދަރުތަކަށް އަމާޒުކޮށް ހަމަލާދޭނެ ކަމުގެ އިންޒާރު ދީފައެވެ. އަދި ބެން ގުރިއަން އެއަރޕޯޓަކީ މައިގަނޑު އަމާޒު ކަމަށް ބުނެފައިވެއެވެ.
މި އިންޒާރުގައި އިންޓަނޭޝަނަލް އެއަރ ޓްރާންސްޕޯޓް އެސޯސިއޭޝަނާއި އދ. ގެ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަނަށް ފޮނުވި އީމެއިލެއް ހިމަނާފައިވެއެވެ. އެ އީމެއިލްގައި ބުނެފައިވަނީ ހުރިހާ އެއަރލައިންތަކުން މި އިންޒާރަށް ސަމާލުކަން ދިނުމަށާއި، އިސްރާއީލަށް ކުރާ ދަތުރުތައް ކެންސަލްކުރުމަށެވެ. މިދަތުރުތައް ހުއްޓާލުމަށް އިލްތިމާސްކޮށްފައިވަނީ އެއަރލައިންތަކުގެ މަތިންދާބޯޓުތަކާއި ފަސިންޖަރުންގެ ރައްކާތެރިކަމަށްޓަކައި ކަމަށް ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!