ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން، ޑރ. އަޒްމިރާލްދާ ޒާހިރު އަދި މަޙާޒު ޢަލީ ޒާހިރު، މަޤާމުން ވަކިކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގައި ޢަދުލުވެރި ނިންމުމަކަށް ވާސިލުވުމަށް ދިވެހިރާއްޖޭގެ ބާ ކައުންސިލުން މިއަދު ގޮވާލައިފިއެވެ.

ބާ ކައުންސިލުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމެވުމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 154 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތު މެދުވެރިވެފައިވާކަން ކަށަވަރުކޮށްދިނުމަށް އެދޭ ކަމަށެވެ. އަދި ޖުޑީޝަލް ސަރވިސް ކޮމިޝަނުން މި މައްސަލަ ބެލުމުގައި ޢަމަލުކޮށްފައިވަނީ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިންކަން ކަށަވަރުކޮށްދިނުމަށްވެސް އެދިފައިވެއެވެ.

Ad
rt

ބާ ކައުންސިލުން އިތުރަށް ފާހަގަކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީން މި މައްސަލައިގައި ގޮތެއް ނިންމެވުމުގައި ޢަދުލުވެރި ނިންމުމަކަށް ވާސިލުވުމަށްޓަކައި، ފަނޑިޔާރުންނާއި އެ ފަނޑިޔާރުންގެ ވަކީލުންނަށް މައްސަލައާ ގުޅިގެން ޖަވާބުދާރީވުމަށާއި ކަންބޮޑުވުންތައް ހިއްސާކުރުމަށް ފުރުސަތު ދިނުމަށް އެދޭ ކަމަށެވެ. އަދި ފަނޑިޔާރުން އިޢުތިރާޒުނުކުރައްވާނަމަ، ޖުޑީޝިއަރީ ކޮމިޓީގެ ބައްދަލުވުން ހުޅުވާލެވިގެން ކުރިއަށް ގެންދިއުމަށްވެސް ގޮވާލާފައިވެއެވެ.

މީގެއިތުރުން، ބާ ކައުންސިލުން ވަނީ މި މައްސަލައިގައި އެ ފަރާތުގެ ކަންބޮޑުވުންތައް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީއާ ހިއްސާކުރުމަށް ބައްދަލުވުމެއް ބޭއްވުމަށްވެސް އެދިފައެވެ.

މި މައްސަލައަކީ ޤާނޫނުއަސާސީގެ 154 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ފަނޑިޔާރުން މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައެކެވެ. މި މައްސަލައިގައި ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވާ މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތު ބޭނުންވާނެއެވެ.