ހުޅުމާލޭ ފޭސް 3 ގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ރާއްޖޭގެ ފުރަތަމަ ބައިނަލްއަޤްވާމީ މާލީ މަރުކަޒު، "މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރު"ގެ ބިންގާ މިއަދު އަޅައިފިއެވެ.

މި މަރުކަޒުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.

Ad
rt

މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި، އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓުގެ ވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި މި މަޝްރޫޢުގެ ރަމްޒީ ޕްލާގު އިފްތިތާޙްކޮށްދެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރާއި، އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓުގެ ރައީސް ޝައިޚް ނަޔެފް ބިން ޢީދް އަލް ޘާނީއެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓާއެކު ސަރުކާރުން ސޮއިކުރެއްވީ މި މަހުގެ 4 ވަނަ ދުވަހުއެވެ. މި މަޝްރޫޢަށް އިންވެސްޓްކުރާނެކަމުގެ ޔަޤީންކަން މިހާތަނަށް 11 ފަރާތަކުން ވަނީ ދިވެހި ސަރުކާރަށް ދީފަވެއެވެ.

މި މަރުކަޒުގެ އެންމެ މައި މަރުކަޒަކީ 3،500 މީހުންގެ ޖާގައިގެ އެންމެ ޒަމާނީ ކޮންފަރެންސް ސެންޓަރެކެވެ. މި ސަރަހައްދުގައި ބައިނަލްއަޤްވާމީ މައި އޮފީސްތަކާއި ސަރަޙައްދީ އޮފީސްތަކަށް ޚާއްޞަކޮށްގެން ފަރުމާކޮށްފައިވާ ތިން ރެސިޑެންޝަލް އަދި އޮފީސް ޓަވަރުތަކެއްގެ އިތުރުން، މަތީ ފެންވަރުގެ ބްރޭންޑެޑް ރެސިޑެންސްތަކާއި، ދުނިޔޭގެ ނަން މަޝްހޫރު ހޮޓާ ބްރޭންޑްތަކާއި، ރީޓެއިލް ތަޖުރިބާއަކާއި، އޯޝަނޮގްރަފިކް މިއުޒިއަމްއަކާއި، މިސްކިތެއްގެ އިތުރުން، ބައިނަލްއަޤްވާމީ ސްކޫލެއް ހިމެނޭ ގޮތަށް ތަރައްޤީކުރެވޭނެއެވެ.

މި މަޝްރޫޢުގެ ޖުމްލަ ބޮޑުމިނަކީ 780,000 އަކަމީޓަރެވެ. މި ސަރަޙައްދުގައި 6,500 އަށްވުރެ ގިނަ މީހުންނަށް ދިރިއުޅެވޭނެއެވެ. އަދި ދުވާލެއްގެ މައްޗަށް 35,000 މީހުން މި ސަރަޙައްދަށް ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވެއެވެ.

2030 ވަނަ އަހަރު ނިންމުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުގެ މަޤްޞަދަކީ 4 އަހަރުގެ ތެރޭގައި ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު ފާހަގަކުރެވޭ ވަރަކަށް އިތުރުކުރުމެވެ. މިއާއެކު 5 ވަނަ އަހަރާ ހަމައަށް 1 ބިލިޔަން އެމެރިކާ ޑޮލަރަށްވުރެ މަތީ އާމްދަނީއެއް މި މަޝްރޫޢުގެ ތެރެއިން ލިބޭނެ ކަމަށް ދިވެހި ސަރުކާރުން ލަފާކުރެއެވެ.

ދިވެހި ސަރުކާރާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓް ގުޅިގެން ހިންގާ މި މަޝްރޫޢަކީ 8.8 ބިލިޔަން ޑޮލަރުގެ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ސަބަބުން ރާއްޖެ ވެގެންދާނީ މުހިންމު ބައްދަލުވުންތަކުގެ މަރުކަޒަކަށެވެ. އަދި މިހާރުވެސް ކުރިއަރާފައިވާ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ދިވެހި ސަރުކާރުން ޤަބޫލްކުރައްވައެވެ.

މި މަޝްރޫޢުގެ ތެރެއިން ޤާއިމްކުރެވޭ ކޮންވެންޝަން ވެނިއުގައި ބައިނަލްއަޤްވާމީ ފެންވަރުގެ ކޮންފަރެންސްތަކާއި، ޘަޤާފީ ހަރަކާތްތަކާއި، އައު އީޖާދުތަކަށް މަގުފަހިކުރާ ހެކަތޯންތައް ބޭއްވޭނެއެވެ. މިއީ ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް މުހިންމު ދައުރެއް އަދާކުރާނެ މަޝްރޫޢެއް ކަމަށް ބެލެވެއެވެ.