ރާއްޖޭގެ ހުރިހާ ސްކޫލެއް އޭސީ ކުރުމަށް ސަރުކާރުން ފަށާފައިވާ "ކޫލް ސްކޫލް" ޕްރޮޖެކްޓްގެ ދަށުން، ސްކޫލްތަކުގައި ކިވައިދިނުމަށް ބޭނުންކުރާ ހުރިހާ ކްލާސްރޫމްތަކެއްގައި އޭސީ ހަރުކޮށް މި އަހަރުގެ ނިޔަލަށް ނިންމާލާނެ ކަމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވައިކަރަދޫ ދާއިރާގެ މެމްބަރ ހުސެއިން ޒިޔާދު، ރާއްޖޭގެ ސްކޫލުތައް އޭސީ ކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތް ގޮސްއޮތް ހިސާބާއި ގުޅޭގޮތުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ކޫލް ސްކޫލް ޕްރޮޖެކްޓް އިއުލާން ކުރިއިރު، ސަރުކާރުން ނިންމާފައި ވަނީ ދެ އަހަރުތެރޭ މި ޕްރިޖެކްޓް އެއްކޮށް ނިންމަން ކަމަށާއި ނަމަވެސް ސްކޫލްތަކުންނާއި ބެލެނިވެރިން އަދި ދަރިވަރުން މިކަން އަވަސްކޮށްދިނުމަށް އެދެމުންދާތީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން މި އަހަރުގެ ނިޔަލަށް މި ޕްރޮޖެކްޓްގެ މަސައްކަތް ނިންމަން އަމާޒުހިފާފައިވާ ކަމަށެވެ.
ވަޒީރު ވިދާޅުވީ ރާއްޖޭގައި ތައުލީމް ފޯރުކޮށްދިނުމަށް މިވަގުރު 3740 ކްލާސްރޫމް ބޭނުން ކުރަމުން އަންނަ ކަމަށާއި އޭގެތެރެއިން 401 ކްލާސްރޫމެއްގައި މިހާރު އޭސީ ހަރުކޮށްފައިވާ ކަމަށެވެ. މި ކޮންމެ ކްލާސްރޫމެއްގައި ވަނީ ދެ އޭސީ ހަރުކޮށްފައެވެ.
ވަޒީރު އިތުރަށް ވިދާޅުވީ މި ޕްރޮޖެކްޓްގެ ދަށުން މިހާރު މަސައްކަތް ކުރަމުން އަންނަނީ މިމަސްތެރޭ ބަލްކުކޮށް ސްކޫލްތަކަށް ހުރިހާ ސްކޫލްތަކަށް އޭސީ ފޮނުވަން ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!