ސްޕެނިޝް ލީގުގެ ޕޮއިންޓް ތާވަލުގެ ފުލުގައި އޮތް ރެއާލް ވަޔަޑޮލިޑް 2-1 ގެ ނަތީޖާއިން ބަލިކޮށް ބާސެލޯނާއިން ޕޮއިންޓް ތާވަލުގެ އެއްވަނާގައި ހަތް ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.
ޕޮއިންޓް ތާވަލުގެ އެއްވަނާގައި ބާސާއޮތީ 34 މެޗުން 79 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނާގައި އޮތް ރެއާލަށް 33 މެޗުން ލިބިފައި ވަނީ 72 ޕޮއިންޓެވެ.
މިރޭ ރެއާލުން އަމިއްލަ ދަނޑުގައި ނުކުންނާނީ ސެލްޓަ ވީގޯއާއި ދެކޮޅަށެވެ. އެ މެޗު ކާމިޔާބު ކޮށްގެން ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް ބާސާއާއި އޮތް ފަރަގު ހަތަރު ޕޮއިންޓަށް ކުޑަކުރުމުގެ ފުރުސަތު ރެއާލަށް އެބައޮތެވެ. މި މެޗު ފަށާނީ މިއަދު ހަވީރު ރާއްޖެ ގަޑިން 5 ޖަހާއިރުއެވެ.
ބާސެލޯނާއިން މި މެޗަށް ނިކުތްއިރު ކޯޗު ހެންސީ ފްލިކް ވަނީ މިދިޔަ ހަފްތާގައި ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި އިންޓަރ މިލާނާއި ދެކޮޅަށް ނިކުތް ޓީމަށް ނުވަ ބަދަލެއް ގެނެސްފައެވެ. އެ ޓީމްގެ އެޓޭކްގައި މުހިންމު ހުރިހާ ކުޅުންތެރިންހެން މެޗު ފެށީ ބެންޗުންނެވެ. މި ހަފްތާގައި އިންޓަ މިލާނުގެ ދަނޑުގައި ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ދެވަނަ ލެގުގައި ބާސާއާއި އިންޓަ ވާދަކުރާނެއެވެ. މި ދެ ޓީމް ބާސާގެ ދަނޑުގައި ކުޅުނު މެޗު ނިމުނީ 3-3 ގެ ނަތީޖާއިން އެއްވަރު ވެގެންނެވެ.
ރޭ މެޗުގެ ހަވަނަ މިނިޓުގައި ވަޔަޑޮލިޑުން ވަނީ ލަނޑެއް ޖަހާ ބާސެލޯނާ އަށް ނުތަނަވަސްކަން ގެނުވާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އިވާން ސަންޗޭޒް އެވެ.
ފުރަތަމަ ހާފުގެ 38 ވަނަ މިނިޓުގައި ބާސެލޯނާގެ ޑެނީ ރޮޑްރިގޭޒް އަށް އަނިޔާވުމާއިއެކު ހެންސީ ފްލިކް ވަނީ އޭނާގެ ބަދަލުގައި ލެމީން ޔަމާލް ކުޅެން އަރުވާފައެވެ. އަދި މި ބަދަލާއިއެކު ބާސެލޯނާގެ ކުޅުން އިތުރަށް ވަނީ ވަރުގަދަ ވެގެންގޮސްފައެވެ.
ދެވަނަ ހާފަށް ނިކުތްއިރު ފްލިކް ވަނީ އެ ޓީމަށް އިތުރު ދެ ބަދަލު ގެނެސްފަ އެވެ. އެގޮތުން ޕެޑްރީ އާއި އަންސޫ ފަތީގެ ބަދަލުގައި ފްރެންކީ ޑެޔޮންގް އާއި ރަފީނިއާ އަށް ވަނީ ފުރުސަތު ދީފައެވެ.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ނުވަވަނަ މިނިޓުގައި ރަފީނިއާ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މިއީ މި ސީޒަނުގައި ލަލީގާގައި އޭނާ ޖެހި 16 ވަނަ ލަނޑެވެ.
ބާސެލޯނާއަށް މި މެޗުން ތިން ޕޮއިންޓު ކަށަވަރު ވެފައިވަނީ މެޗުގެ 60 ވަނަ މިނިޓުގައި ފާރމިން ލޯޕޭޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!