12 ޑިސެމްބަރު 2024 ވަނަ ދުވަހު ތިން ވުޒާރާއެއް ހިންގަމުން އައި ގްރީން ބިލްޑިންގގައި އަލިފާން ރޯވެ އެ ހާދިސާގައި އެ ވުޒާތައް ހިންގި އިމާރާތްތައް ބޭނުންނުކުރެވޭވަރަށް އަނދައި ގެއްލުންވެފައިވާއިރު، އެ އިމާރާތްތައް ހުރި ބިމުގައި ޒަމީނީ ފެންވަރުގެ މަލްޓި ޔޫސް ކޮމްޕްލެކްސްއެއް ތަރައްޤީކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، މިއަދު ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، މި އައު ކޮމްޕްލެކްސްގައި އޮފީސްތަކާއި އެހެނިހެން ބޭނުންތަކަށް ޖާގަ ހިމެނޭނެއެވެ. އަދި މި މަޝްރޫޢުގެ ސަބަބުން އެ ސަރަހައްދަށް ތަރައްޤީ ގެނެވޭނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
"އެތަން ތަރައްޤީކުރަނީ އޮފީސް ބަޔަކާއި އެހެނިހެން ކަންކަންވެސް ކުރިއަށްގެންދެވޭނެގޮތަށް. އެ ސަރަޙައްދަށް ތަރައްޤީއެއް ގެނެވޭނެ." ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މި މަޝްރޫޢު ކުރިއަށް ގެންދިއުމަށްޓަކައި، ވަރަށް އަވަހަށް ކޮންސެޕްޓާއި ޑީޓެއިލް ޑިޒައިން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރެވޭނެ ކަމަށްވެސް ރައީސް ހާމަކުރެއްވިއެވެ.
12 ޑިސެމްބަރު 2024 ވަނަ ދުވަހު ތިން ވުޒާރާއެއް ހިންގަމުން އައި ގްރީން ބިލްޑިންގގައި އަލިފާން ރޯވެ ހިނގި ހާދިސާއާއި ގުޅިގެން އެ ވުޒާރާތައް މިހާރު ވަގުތީ ގޮތުން ހިންގަމުން އަންނަނީ ދަރުބާރުގޭގައެވެ.
އެ ބިމުގައި ހުރި އިމާރާތްތަކުގައި ހިންގި އޮފީސްތަކުގެ ތެރޭގައި ތިމާވެއްޓާ ބެހޭ މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި މާލޭ ސިޓީ ކައުންސިލްގެ ވައިޓަލް ރެޖިސްޓްރޭޝަން އޮފީސް ވެސް ހިމެނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!