އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވުލްވްސް މައްޗަށް ކުރި ހޯދައި ޕޮއިންޓް ތާވަލުގެ ތިންވަނައަށް ޖެހިލައި މެންޗެސްޓާ ސިޓީން ޗެމްޕިއަންސް ލީގުގެ އުންމީދު ބޮޑުކޮށްފިއެވެ.
ރޭ އަމިއްލަ ދަނޑުގައި ސިޓީން ވަނީ 1-0 ގެ ނަތީޖާއިން ވުލްވްސް މައްޗަށް ކުރި ހޯދާފައެވެ.
ލިވަޕޫލުން ލީގު ޗެމްޕިއަންކަން ކަށަވަރު ކޮށްފައިވާއިރު، ދެވަނާގައި އޮތީ އާސެނަލެވެ. އާސެނަލަށް 34 މެޗުން 67 ޕޮއިންޓް ލިބިފައިވާއިރު ތިންވަނާގައި ސިޓީ އޮތީ 35 މެޗުން 64 ޕޮއިންޓް ހޯދައިގެންނެވެ. ލީގުގެ ޗެމްޕިއަންކަން ކަށަވަރުވެފައިވީ ނަމަވެސް އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަށް މަސައްކަތް ކުރަމުން އަންނަ ޓީމްތަކުގެ ތެރޭގައި ބޮޑު ވާދައެއް ވަނީ އުފެދިފައެވެ. މިގޮތުން ބަލާއިރު ހަތަރުވަނާގައި މިވަގުތު އޮތީ ނިއުކާސަލެވެ. އެ ޓީމަށް 34 މެޗުން 62 ޕޮއިންޓް ލިބިފައިވާއިރު ފަސްވަނާގައި ޗެލްސީ އޮތީ 34 މެޗުން 60 ޕޮއިންޓް ހޯދައިގެންނެވެ. ހަވަނާގައި އޮތް ނޮޓިންހަމް ފޮރެސްޓަށް 34 މެޗުން 60 ޕޮއިންޓް ލިބިފައިވާއިރު އެސްޓަން ވިލާއިން ވަނީ 34 މެޗުން 57 ޕޮއިންޓް ހޯދާފައެވެ.
ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޖަހައިދިނީ ޑިބްރޭނާއެވެ. މެޗުގެ 35 ވަނަ މިނިޓްގައި ޖެރެމީ ޑޮކޫ ނަގައިދިން ހުރަހަކަށް އަރައި، ޑިބްރޭނާ ވަނީ އެއް ފަހަރުން ޖަހައި، ގޯލުގެ ތެރެއަށް ބޯޅަ ވައްދާލާފައެވެ.
މި ސީޒަނަށް ފަހު ސިޓީން ޑިބްރޭނާ ދޫކޮށްލަން ނިންމާފައިވާއިރު، ލީގުގައި ދެން ސިޓީއަށް އޮތީ ބާކީ ތިން މެޗެވެ. އޭގެތެރެއިން ދެ މެޗު ކުޅޭނީ ރަށުން ބޭރުގައެވެ. ސިޓީގެ ދަނޑުގައި ކުޅޭނީ މި މަހު 21 ވަނަ ދުވަހު ބޯންމައުތާއި ދެކޮޅަށް ކުޅޭ މެޗެވެ. އެއީ ޑިބްރޭނާ ސިޓީގެ ދަނޑުގައި ކުޅޭނެ ފަހު މެޗެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!