ޔުއެފާ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގެ މެޗުތައް ފަސޭހަކަމާއިއެކު ކާމިޔާބުކޮށް، އިނގިރޭސި ޕްރިމިއާ ލީގަށް ނިސްބަތްވާ ދެ ޓީމްކަމަށްވާ ޓޮޓެންހަމްއާއި މެންޗެސްޓާ ޔުނައިޓެޑުން ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ.

ރޭ ޔުނައިޓެޑުން ވަނީ ރަށުން ބޭރުގައި 3-0 ގެ ނަތީޖާއިން އެތުލެޓިކް ބިލްބާއޯ ބަލިކޮށްފައެވެ.

Ad
rt

މި މެޗުގައި ފެނިގެންދިޔަ ތިން ލަނޑު ވެސް ޖަހާފައިވަނީ ފުރަތަމަ ހާފުގައެވެ. ފުރަތަމަ ލަނޑު 30 ވަނަ މިނެޓުގައި ޖަހައިދިނީ ކަސެމީރޯއެވެ.

ޔުނައިޓެޑްގެ ދެވަނަ ލަނޑު 37 ވަނަ މިނެޓުގައި ބްރޫނޯ ފެނާންޑޭޒް ޖަހައިދިނީ ލިބުނު ޕެނަލްޓީއަކުންނެވެ. މިއީ މައްސަލަ ބޮޑުވި ޕެނަލްޓީއެލެވެ. ބިލްބާއޯގެ އޭރިއާ ތެރެއަށް ހުރަސްވީބޯޅަ ޖަހަން، ޔުނައިޓެޑްގެ ފޯވާޑް ހުއިލަންޑް އަރަން މަސައްކަތްކުރި ވަގުތު އޭނާއަށް ހުރަސްއެޅުމުން ބިލްބާއޯގެ ޑެނީ ވިވިއަން އަށް ވަނީ ސީދާ ރަތްކާޑެއް ދައްކާފައެވެ. މައްސަލަ ބޮޑުވެ ދަނޑު ބޭރުގައި ބަހައްޓާފައިވާ މޮނީޓަރުން ވެސް ރެފްރީ ވަނީ ރީޕްލޭ ބަލާފައެވެ. ނަމަވެސް އޭނާގެ ނިންމުން ބަދަލުނުކޮށް ވިވިއަން ދަނޑުން ފޮނުވާލިއެވެ.

ފުރަތަމަ ހާފުގެ ފަހު މިނެޓްގައި ޔުނައިޓެޑަށް ތިންވަނަ ލަނޑު ވެސް ޖަހައިދިނީ ފެނާންޑޭޒްއެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ އުގާޓޭގެ އެހީތެރިކަމާއި އެކުއެވެ.

މި ދެ ޓީމް ވާދަކުރާ ސެމީ ފައިނަލުގެ ދެވަނަ ލެގުގެ މެޗު އަންނަ ބުރާސްފަތި ދުވަހުގެ ރޭ ކުޅޭނީ ޔުނައިޓެޑްގެ ދަނޑުގައެވެ. އެ މެޗުން ތިން ލަނޑުގެ ތަފާތަކަށްވުރެ ކުޑަކޮށް ބަލިވި ނަމަވެސް ޔުނައިޓެޑަށް ފައިނަލުން ޖާގަ ލިބޭނެއެވެ.

ރޭ އަމިއްލަ ދަނޑުގައި ޓޮޓެންހަމުން ވަނީ ބޯޑޯ/ގިލްމް ގެ މައްޗަށް 3-1 ގެ ނަތީޖާއިން ކުރި ހޯދާފައެވެ.

ބޯޑޯ/ގިލްމް ކޮޅަށް ޓޮޓެންހަމް އިން 38 ސިކުންތު ތެރޭގައި ލީޑުނެގިއެވެ. މި ލަނޑު ޖެހީ ރިޗާލިސަން ދިން ބޯޅައަކުން ބްރެނަން ޖޯންސަން އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން، ޓޮޓެންހަމުން ވަނީ ދެ ވަނަ ލަނޑެއް ޖަހާފައެވެ. މިއީ، ޕެޑްރޯ ޕޯރޯ ދިން ބޯޅައަކުން، ޖޭމްސް މެޑިސަން ޖެހި ލަނޑެކެވެ.

ދެ ވަނަ ހާފުގައި ޓޮޓެންހަމުން ޖެހި ގޯލަކީ ޕެނަލްޓީއަކުން ޑޮމިނިކް ސޮލާންކޭ ޖެހި ލަނޑެކެވެ. މިއީ، ޓޮޓެންހަމްގެ ކްރިސްޓިއަން ރޮމޭރޯ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތް މިނިޓަށް ވެފައިވަނިކޮށް، ބޯޑޯ/ގިލްމް އިން ވަނީ އެ ޓީމުގެ ހަމައެކަނި ލަނޑު ޖަަހައިފަަ އެވެ. މި ލަނޑު ޖަހައިދިނީ، އުލްރިކް ސޯލްޓްނަސްއެވެ.