ޣައްޒާގައި ދިރިއުޅޭ ފަލަސްތީނުގެ 423،000 އަށްވުރެ ގިނަ މީހުން ރައްކާތެރި ތަނެއް ނެތި ހިޖުރަކުރަން މަޖުބޫރުވެއްޖެ ކަމަށް އދ.އިން ބުނެފިއެވެ.

ޣައްޒާގައި އިސްރާއީލުގެ ހަނގުރާމަވެރި ޢަމަލުތައް އިތުރުވަމުން ދާއިރު، އެ ސަރަހައްދުގައި އިންސާނީ އެހީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް އދ އިން ބުރާސްފަތި ދުވަހު ވަނީ އިންޒާރު ދީފައެވެ.

Ad
rt

އދ ގެ ތަރުޖަމާނު ސްޓެފާން ދުޖާރިކް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި ގޮތުގައި، "އިންސާނީ އެހީގެ މަސައްކަތްތައް ވަނީ ވަރަށް ބޮޑަށް ހުއްޓުމަކަށް އައިސްފައެވެ. އެއީ ޣައްޒާގެ އެތެރޭގައި ދަތުރުފަތުރު ކުރުމަށް ކުރިމަތިވެފައިވާ ހުރަސްތަކާއި، އިސްރާއީލުގެ ހަނގުރާމަވެރި ޢަމަލުތަކާއި ހަމަލާތަކުގެ ސަބަބުން އެހީ ފޯރުކޮށްދޭ މުވައްޒަފުންނާއި އެ ފަރާތްތަކުގެ އިމާރާތްތަކުގެ ސަލާމަތަށް ނުރައްކާވެފައިވާތީއެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، "ފަހަކަށް އައިސް ދެވޭ ހަމަލާތައް ރިހާބިލިޓޭޝަން ސެންޓަރުތަކާއި ހިޖުރަކުރި މީހުން ތިބޭ ތަންތަނަށް ވެސް އަމާޒުވަމުންދާކަން ފާހަގަކުރެވެއެވެ. ޚާއްޞަކޮށް ރަފާ އަދި އިރުމަތީ ޣައްޒާ ސިޓީގައި މި ކަން ވަނީ އިތުރުވެފައެވެ.

ދުޖާރިކް އިތުރަށް ވިދާޅުވި ގޮތުގައި، ގިނަ އަސާސީ ތަކެތި މިހާރު ލިބެން ނެތެވެ. އަދި އިންސާނީ އެހީގެ ގާފިލާތަކަށް ދެވޭ ހަމަލާތަކާއި ވައްކަންކުރުން ވެސް ވަނީ އިތުރުވެފައެވެ.