ފަރަންސޭސިވިލާތުގެ ދެކުނުގައި ހުންނަ މިސްކިތެއްގައި މުސްލިމަކު ނަމާދަށް ހުއްޓައި ޝަހީދުކޮށްލާފައިވާއިރު، މި އަނިޔާވެރި މަރާ ގުޅިގެން، ފަރަންސޭސިވިލާތުގައި ނަސްލީ ތަފާތުކުރުމާއި ނަފްރަތަށް ޖާގައެއް ނޯންނާނެ ކަމަށް އެޤައުމުގެ ރައީސް އެމެނުއެލް މެކްރޯން ވިދާޅުވެއްޖެއެވެ.

މިދިޔަ ހުކުރު ދުވަހު ގާޑް ސަރަޙައްދުގެ ލަ ގްރޭންޑް-ކޯމްބް ރަށުގައި ހުންނަ މިސްކިތެއްގައި ހިނގި މިހާދިސާގައި، ޢުމުރުން 20 އަހަރުގެ ޒުވާނަކަށް ވަނީ ތޫނު އެއްޗަކުން އެތައް ފަހަރު މަތިން ހަމަލާދީ މަރާލާފައެވެ. އަދި ހަމަލާދިން މީހާ އިސްލާމްދީނަށް ފުރައްސާރަކުރަމުން، މަރުވަމުންދިޔަ މީހާގެ ވީޑިއޯއެއް ނަގާފައިވެއެވެ.

Ad
rt

މިކަމާ ގުޅޭގޮތުން ރައީސް މެކްރޯން ވަނީ އެކްސް ގައި ޕޯސްޓެއް ކުރައްވާފައެވެ. އޭގައި ވިދާޅުވެފައިވަނީ "ނަސްލީ ތަފާތުކުރުމާއި ދީނީ ގޮތުން ނަފްރަތު އުފެއްދުމަށް ފަރަންސޭސިވިލާތުގައި ޖާގައެއް ނޯންނާނެކަމަށެވެ.

އަޅުކަން ކުރުމުގެ މިނިވަންކަމަށް ހުރަސްއެޅުމަކީ ކޮށްގެންވާނެ ކަމެއް ނޫން" ކަމަށާއި، އަދި މުސްލިމް ރައްޔިތުންނަށް އެމަނިކުފާނުގެ އެއްބާރުލުން ދެއްވާނެ ކަމަށް ވެސް ފާހަގަކުރައްވާފައިވެއެވެ.

މިހާދިސާގައި ހަމަލާދިން މީހާ އަދިވެސް ފިލާފައިވާއިރު، އޭނާއަކީ ބޮސްނިއާގެ އަސްލަކަށް ނިސްބަތްވާ ފަރަންސޭސި ރައްޔިތެއްކަން އެނގިފައިވެއެވެ. އަދި އޭނާއަކީ މުސްލިމެއް ނޫންކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

ފަރަންސޭސި ބޮޑުވަޒީރު ފްރާންސުއާ ބެއިރޫ ވެސް ވަނީ މިކަން ކުށްވެރިކުރައްވާ، މިއީ އިސްލާމްދީނަށް ނަފްރަތުކުރުމުގެ ސަބަބުން ހިންގާފައިވާ އަނިޔާވެރި ޢަމަލެއްކަމަށް ވިދާޅުވެފައެވެ.