އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކުގައި، އދ.އާއި އެހެނިހެން ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި އެހެން ޤައުމުތަކުން ތިބުމާއި، އެ ބިންތަކުގައި އެފަރާތްތަކުން ހިންގާ ޙަރަކާތްތަކާ ގުޅިގެން އިސްރާއީލުގެ އިލްތިޒާމްތަކާ ގުޅޭގޮތުންއިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިސްތިޝާރީ ލަފަޔަކަށް އެދި ހުށަހަޅާފައިވާ މައްސަލައިގައި ދިވެހިރާއްޖެއިން ބައިވެރިވެ، މިއަދު އެ ކޯޓުގައި ބޭއްވި އަޑުއެހުމުގައި ދިވެހިރާއްޖެއިން ބަޔާން އިއްވައިފިއެވެ.

ރާއްޖޭގެ މި ބަޔާން އިއްވީ ބަންޑާރަނައިބު އަޙްމަދު އުޝާމެވެ.

Ad
rt

ބަންޑާރަނައިބު އުޝާމް އޭނާގެ ބަޔާނުގައި ފާހަގަކުރެއްވި ގޮތުގައި، ފަލަސްތީނުގެ ރައްޔިތުންގެ ޙައްޤުގައި ދިވެހިރާއްޖެއިން ކެނޑިނޭޅި ވަކާލާތުކުރާނެއެވެ. އަދި އިސްރާއީލުގެ ބާރުގެ ދަށަށް ގެނެ ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދެވޭކަން ކަށަވަރުކުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، އަންރުވާ ރޫޅާލުމަށްޓަކައި އިސްރާއީލުން ގަސްދުގައި އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވައި، ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ އިންސާނީ ޙައްޤުތައް ހޯދުމަށް ކުރަމުންދާ މަސައްކަތަށް ދިވެހި ސަރުކާރުން އަބަދުވެސް އެއްބާރުލުން ދޭނެކަން ބަންޑާރަނައިބު އުޝާމް ފާހަގަކުރެއްވިއެވެ.

މި މައްސަލައަކީ، އދ އާއި އެހެނިހެން ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި އެހެން ޤައުމުތަކުން ފަލަސްތީނުގެ ޢާންމު ރައްޔިތުންނަށް ފޯރުކޮށްދެމުންދާ އިންސާނީ އެހީތެރިކަމަށް ހުރަސް އަޅައި، ފަލަސްތީނުގެ ރެފިއުޖީންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ އދ.ގެ މައި ޖަމްޢިއްޔާ ކަމުގައިވާ އަންރުވާގެ މަސައްކަތްތައް ހުއްޓުވާލުމަށްޓަކައި، އިސްރާއީލުގެ ޤާނޫނު ހަދާ މަޖިލީހުން ނިންމުމާ ގުޅިގެން އުފެދިފައިވާ މައްސަލައެކެވެ.

ފަލަސްތީނާއި އިސްރާއީލުގެ މައްސަލައަށް އޮތް ހަމައެކަނި ދެމެހެއްޓެނިވި ޙައްލަކީ، 1967 ވަނަ އަހަރުގެ ކުރިން އޮތް ސަރަޙައްދީ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައަޅައި، މިނިވަން، މުސްތަޤިއްލު އަދި އަމިއްލަ ސިޔާދަތީ ބާރުހިނގާ ފަލަސްތީނުގެ ދައުލަތެއް ޤާއިމުކުރުންކަމަށް ދިވެހިރާއްޖެއިން މިއަދުގެ އަޑުއެހުމުގައިވެސް ތަކުރާރުކޮށްފައިވެއެވެ. އަދި މި ޙައްލު ހޯދުމަށް ފަލަސްތީނުގެ ރައްޔިތުން ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމުގައި ދިވެހި ދައުލަތް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ބކަން ބަންޑާރަނައިބު އުޝާމް އަރުވާފައިވެއެވެ.

މިއަދުގެ އަޑުއެހުމުގައި ދިވެހިރާއްޖެ ތަމްސީލުކުރެއްވި ބައިނަލްއަޤްވާމީ ވަކީލުން ހުށަހެޅުއްވި ބަޔާންތަކުގައި، ބައިނަލްއަޤްވާމީ މުޢާހަދާތަކުގެ ދަށުން އިސްރާއީލުގެ ޒިންމާތަކުން ރެކުމަށްޓަކައި ޤައުމީ ސަލާމަތް އަދި ހަނގުރާމަވެރި ބޭނުންތެރިކަން ސަބަބެއްގެ ގޮތުގައި ދައްކަނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށްކަން ފާހަގަކޮށްފައިވެއެވެ. އަދި އިސްރާއީލާއި އަންރުވާއާ ދެމެދު ސޮއިކޮށްފައިވާ 1967 ގެ އެކްސްޗޭންޖް އޮފް ލެޓަރސް އިން އިސްރާއީލު ނިކުތުމުގެ ޤާނޫނީ ނަތީޖާތަކަށްވެސް އަލިއަޅުވާލާފައިވެއެވެ.

މި މައްސަލައިގައި ކުރިއަށްދާ ޢާންމުކޮށް ހުޅުވާލެވިގެން ބޭއްވޭ އަޑުއެހުންތަކުގައި ބައިވެރިވެ ބަޔާނެއް ހުށަހެޅުމުގެ ފުރުޞަތު ޤައުމުތަކަށާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކަށް ހުޅުވާލާފައިވާއިރު، ދިވެހިރާއްޖެއިން މި ފުރުޞަތުގެ ބޭނުން ހިފައި، ފަލަސްތީނުގެ ރައްޔިތުންގެ ޙައްޤުގައި ވަކާލާތުކޮށް، އިންސާނީ އެހީތެރިކަން ފޯރން ފޯރުކޮށްދިނުމުގެ މުހިންމުކަން ފާހަގަކޮށްފައިވާކަން ފާހަގަކުރެވެއެވެ.