ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން އެސްޓީއޯގެ ބޭސްފިހާރަތަކުން ސަރޖިކަލް މާސްކް އާއި ސެނެޓައިޒަރ ވިއްކާ އަދަދާއި އަގު ކޮންޓްރޯލްކޮށްފިއެވެ.

އެސްޓީއޯއިންވިއްކާ ސެނެޓައިޒަރ ފުޅި ވިއްކާނީ މީހަކަށް ފުޅިއެކެވެ. މާސްކް ވިއްކުމަށް ހަމަޖެހިފައިވަނީ 2 ރުފިޔާ 50 ލާރީގެ ރޭޓުން މީހަކަށް ގިނަވެގެން 3 މާސްކެވެ.

Ad
rt

މާލޭގެ ގިނަ ބޭސްފިހާރަތަކުން މާސްކު ހުސްވެފައިވާއިރު އާންމު ފިހާރަތަކުން މާސްކެއް ވިއްކަމުން ދަނީ 5 ރުފިޔާ އަދި 10 ރުފިޔާއަށެވެ. 50 މާސްކު ހިމެނޭ މާސްކު ފޮއްޓެއް 500 ރުފިޔާއަށް ބަޔެއް ފިހާރަތަކުން ވިއްކާފައިވެއެވެ.

މާސްކް ގަންނަން މިހާރުވެސް ގިނަ ބަޔަކުދަނީ ބޭސްފިހާރަތަކަށް ދަމުންނެވެ. މާސްކްގެ އަގު ކޮންޓްރޯލްކުރީ އެންމެންނަށް އެއް އަގެއްގައި އެއް ހަމައެއްގައި މާސްކް ލިބޭނޭގޮތް ހެދުމުގެ ގޮތުން ކަމަށް އެސްޓީއޯއިން މަޢުލޫމާތުދެއެވެ. މާސް އެޅުން މުހިންމު ވެފައިވަނީ އެއީ ގައިންގަޔަށް އަރާ ބައްޔަކަށް ވުމާއިއެކު، ކެއްސާ ކިނބިހިއަޅާއިރު ގައިން ބޭރުވާ ފްލުއިޑް ކޮންޓްރޯލްކުރުމަށެވެ.

އެކުންފުނިން ބުނެފައިވަނީ ކޮންޓްރޯލް ރޭޓްގައި، މިއަދު މެންދުރުން ފެށިގެން މާލޭގެ އެސްޓީއޯގެ ފިހާރަތަކުން މާސްކް ލިބޭނެކަމަށެވެ. އަދި އަތޮޅުތަކުގެ ރަށްރަށުގައި ހުރި އެސްޓީއޯގެ ފިހާރަތަކުންވެސް މި އަދަދަށް މި އަގުގައި މާސްކް ލިބޭނެކަމަށެވެ.

އެކުންފުނިން ބުނީ މާސްކް ނެތް ރަށްރަށާއި، ނުވަތަ ސްޓޮކް މަދުވެފައިވާ ރަށްތައް ބަލައި އެ ރަށްރަށަށް މާސްކް ފޮނުވުމުގެ މަސައްކަތް މިހާރުވެސް ފަށާފައިވާކަމަށެވެ. އެސްޓީއޯއަކީ ރާއްޖޭގެ ހުރިހާ ރަށަކަށް ބޭސް ފޯރުކޮށްދީ، އެ ކުންފުނީގެ ބޭސް ފިހާރަ ހިންގަމުން އަންނަ ކުންފުންޏެކެވެ.

އެސްޓީއޯއިން މާސްކް ވިއްކާ އަގާއި އަދަދު ކޮންޓްރޯލްކުރުމަށް ނިންމާފައިމިވަނީ ޗައިނާއިން ރާއްޖެއައި ދިވެހި ޒުވާނަކު، ކޮރޮނާ ވައިރަސް ނެތްކަން ޔަޤީންކުރުމަށް އެކަހެރިކޮށްފައިވާކަން ހެލްތު މިނިސްޓްރީން ހާމަކޮށްފައިވަނިކޮށެވެ.

އެސްޓީއޯގެ އޮފިޝަލަކު ޕީއެސްއެމްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މާސްކް އިމްޕޯޓްކުރާ ބޮޑެތި ޤައުމުތަކުގައިވެސް މިހާރު މާސްކުގެ ސްޓޮކް މަދުވެފައިވާތީ، މާސްކް ލިބުމުގެ ދަތިކަން ކުރިމަތިވާން ފަށާފައިވާކަމަށެވެ. ނަމަވެސް ރާއްޖެއަށް މިވަގުތަށް ބޭނުންވާ މިންވަރަށް އެސްޓީއޯގެ ސްޓޮކްގައި މާސްކު ހުރިކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. އަދި އިތުރަށް މާސްކް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެސްޓީއޯއިން ދޫކުރާ މާސްކް ދިވެހިންގެ އިތުުރުން ބިދޭސީންނަށްވެސް ހަމަހަމަ އުސޫލުން ދޫކުރާނެކަމަށް އެ ކުންފުނިން ބުނެއެވެ.

ކޮރޮނާ ވައިރަހާއި ގުޅިގެން ބައެއް އަމިއްލަ ބޭސްފިހާރަތަކުންދަނީ މާސްކް އަގުބޮޑުކޮށް، ވިއްކަމުންނެވެ. އެގޮތުން ބައެއް ބޭސްފިހާރަތަކުން މާސްކެއް 4 ރުފިޔާ، 5 ރުފިޔާއަށްވެސްދަނީ ވިއްކަމުންނެވެ. އަދި ބައެއް ބޭސް ފިހާރަތަކުން މާސްކް ހުސްވެފައިވާކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

މާސްކް އެޅުން މުހިންމު މީހުންގެ ގޮތުގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ފާހަގަކޮށްފައިވަނީ ރޯގާ ޖެހިފައިވާ މީހުންނާއި، ރޯގާ ޖެހިފައި ތިބޭ މީހުންނާއި ގާތްވެ އުޅޭ މީހުންނާއި، ސިއްޙީ އެހީތެރިންގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތަކާއި އަދި ނޭވާލާ ނިޒާމުގައި މައްސަލަ ހުންނަ މީހުންނެވެ.