އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު، އަދާލަތު ޕާޓީއާ ގުޅިވަޑައިގަތުމަށް ނިންމަވައި، އެކަން މިއަދު ރަސްމީކޮށް އިއުލާނު ކުރައްވައިފިއެވެ.

މި ސަރުކާރުގައި އެންމެ ހީވާގި އެއް ވަޒީރުގެ ގޮތުގައި ފާހަގަކުރެވޭ ޝަހީމް ވަނީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، އަދާލަތު ޕާޓީއާ ގުޅިވަޑައިގަތުމަށް ނިންމެވިކަން ޢިއުލާންކުރަށްވައި، އެ ޕާޓީގެ އެތެރޭގެ އިންތިޚާބުގައި ރައީސްކަމަށް ވާދަކުރަށްވާނެކަން ވެސް ޢިއުލާން ކުރަށްވާފައެވެ.

Ad
rt

''އެޕާޓީގެ ސީނިއަރ އެއް މުއައްސިސްގެ ހައިސިއްޔަތުން އަހަރުތަކެއް ވަންދެން އަޅުގަނޑު ޚިދުމަތްކުރި އަދާލަތު ޕާޓީއަށް އަލުން ވަނުމަށް ނިންމައިފީމެވެ. މިއަހަރު ފަހުކޮޅުގައި ޕާޓީގެ އާ ރައީސަކު ހޮވުމަށް ބާއްވާ އެތެރޭގެ އިންތިޚާބުގައި އަޅުގަނޑު ވާދަކުރާނަން،އިންޝާ ﷲ.'' ޝަހީމް ވިދާޅުވެފަވެއެވެ.

ޝަހީމްގެ މި ނިންމެވުމަށް އަދާލަތުގެ އިސް ތަނބުތައް ގޮތުގައި ބެލެވޭ ގިނަ ޢިލްމްވެރިންނާއި، އިސް ބޭފުޅުން އަންނަނީ މަރުޙަބާ ކިޔައި، ޝަހީމަށް ތާއީދު އޮތްކަން ހާމަކުރަށްވަމުންނެވެ.

މިގޮތުން މަޝްޙޫރު ދީނީ ޢިލްމްވެރިޔާ އިލްޔާސް ހުސައިން ޝަހީމްގެ ނިންމުމަށް ތާއީދުކުރަށްވާކަން ހާމަކުރަށްވައި ވިދާޅުވެފައި ވަނީ އެއީ އަދާލަތު ޕާޓީގެ ހިންގުން ހަރުދަނާކުރުމަށް މުހިންމު ނިންމެވުމެއްކަމަށެވެ. އަދި މަޝްހޫރު ދީނީ ޢިލްމްވެރިޔާ ޑރ. މުހައްމަދު އިޔާޒް ވެސް ވަނީ މަރުޙަބާ ވިދާޅުވެފައެވެ.

މީގެ އިތުރުން އަދާލަތު ޕާޓީގެ ނައިބު ރައީސުންކަމަށްވާ މުހައްމަދު ޝިފާން އާއި ޢަބުދުﷲ ރަޝީދު އާއި އަދާލަތުގެ ޢިލްމްވެރިންގެ މަޖިލީހުގެ މެމްބަރުންކަމަށްވާ ހުސައިން އަންސަރު އާއި ސައިޚް އަނިލް އާއި އިނގުރައިދޫ ދާއިރާގެ ރައީސް އަހްމަދު ހުސައިން އަދި އަދާލަތުގެ އިސް މެމްބަރު ޢަބުދުﷲ ހުމައިދު ފަދަ ބޭފުޅުން ވަނީ ޝަހީމަށް ތާއީދުއޮތްކަން ހާމަކުރަށްވައި، މަރުޙަބާ ވިދާޅުވެފައެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު، އަލުން އަދާލަތު ޕާޓީއާ ގުޅިވަޑައިގަތުމަށް ނިންމަވާފައި މިވަނީ އެޕާޓީގެ ރައީސް ސައިޚް އިމްރާން ޢަބުދުﷲ އާއި މެދު އާންމު މެމްބަރުން މާޔޫސްވެ، އިމްރާންގެ ތާއީދު ވަރަށް ދަށަށް ގޮސްފައިވާ ދަނޑިވަޅެއްގައިކަމަށް މައުލޫމާތު ލިބެއެވެ.

18 އޯގަސްޓް 2005 ގައި ރަޖިސްޓަރީކޮށްފައިވާ އަދާލަތު ޕާޓީގައި މިވަގުތު 9049 މެމްބަރުން އެބަތިއްބެވެ.