އެކިއެކި ހާދިސާތަކާ ގުޅިގެން ނަފުސާނީ ގޮތުން ޝިކާރައަކާރައަކަށް ވެފައިވާ ފަރާތްތަކުގެ ހާލަތު ރަނގަޅު ކުރުމުގައި ދިވެހި ބަހާއި އަދަބިއްޔާތާއި ދިވެހި ސަގާފަތުގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ އާއި ދިވެހި ފުލުހުންގެ ޚިދުމަތާ ދެމެދު މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާ ބައްދަލުވުން ބޭއްވުނީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓްގެ އިސްމަސްއޫލުވެރީންނާ ދެމެދުގައެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ނަފުސާނީ ގޮތުން ޝިކާރައަކަށް ވެފައިވާ ފަރާތްތަކުގެ ހާލަތު ރަނގަޅު ކުރުމުގައި ދިވެހި ބަހާއި އަދަބިއްޔާތާއި ދިވެހި ސަގާފަތުގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމާއި، ދެ މުއައްސަސާއިން ގުޅިގެން އެކުގައި މަސައްކަތް ކުރެވޭނެ ގޮތްތަކާ ބެހޭގޮތުންނެވެ.
ބައްދަލުވުމުގައި ދެ ފަރާތުން ވެސް ފާހަގަކުރެއްވި ގޮތުގައި ދިވެހި މުޖުތަމަޢަކީ ކުށް މަދު މުޖުތަމަޢުއަކަށް ހެދުމަށްޓަކައި ދިވެހި ސަޤާފަތް ދިރުވާ އާލާކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.
މިކަމާ ގުޅޭގޮތުން ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވީ ދިވެހި ފުލުހުންގެ އިދާރާއާއި މި ވުޒާރާއާ ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކުގައި އެ ވުޒާރާގެ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ.
މި ބައްދަލުވުމުގައި ދިވެހި ފުލުހުންގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަންވަރު ނަޢީމާއި، އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހީމް އަޝްރަފުގެ އިތުރުން ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓްގެ ސަޕޯޓް އޮފިސަރ ފާޠިމަތު ރީމާއެވެ.
ދިވެހި ބަހުގެ ވުޒާރާގެ ފަރާތުން ވަޒީރުގެ އިތުރުން ބައެއް ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުން ބައިވެރިވެވަޑައިގަތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!