5 މީހުންނާއެކު ދަތުރުކުރި ދޯންޏެއް ގެއްލިގެން ހޯދަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، ގެއްލިގެން ހޯދަމުން އަންނަނީ 27 އޭޕްރިލް 2025 ވަނަ ދުވަހުގެ ރޭ 8:00 އެހައިކަންހާއިރު ގދ. ގައްދޫއިން ހުޅުމާލެއަށް ދަތުރުކުރި "ބްރިލިއަންޓް ކެރިއަރ" ނަމަކަށް ކިޔާ ދޯނި ކަމަށެވެ.

Ad
rt

މި ދޯނީގައި 5 މީހުން ތިބިއިރު، އެއީ 3 ދިވެހިންނާއި 2 ބިދޭސީންނެވެ.

ފުލުހުން ބުނީ، ދޯންޏާ އެންމެ ފަހުން ގުޅިފައިވަނީ އޭޕްރިލް 28 ވަނަ ދުވަހުގެ ދަންވަރު 2:40 ގައިކަމަށެވެ. އެއިރު ކެޕްޓަން ބުނެފައި ވަނީ ''ހުވަދޫ ކަނޑަށް ނުކުތްތާ މާގިނައިރެއް ނުވާނެ ކަމަށް'' ކަމަށް ފުލުހުން ބުންޏެވެ. އޭގެ ފަހުން ދޯންޏާ ގުޅިފައި ނުވާކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލައިގެ ރިޕޯޓު ގައްދޫ ޕޮލިސް ސްޓޭޝަނަށް ލިބިފައި ވަނީ މިއަދު ހަވީރު 6:00 ގައެވެ. މި ރިޕޯޓު ލިބުމާއި ގުޅިގެން އެމް.އެން.ޑީ.އެފްގެ ސަދަން ރީޖަން ކޮމާންޑާއި މައުލޫމާތު ހިއްސާކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.

އެހެންވެ މި ދޯނި ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށް ވެސް ފުލުހުން ބުންޏެވެ.

މި ދޯންޏާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ނެޝަނަލް އިމަޖެންސީ ނަންބަރު 911 އަށް ނުވަތަ އެންމެ ކައިރި ފުލުހުންގެ މަރުކަޒަކަށް އަންގައިދިނުމަށް ފުލުހުން ވަނީ ބުނެފައެވެ.