ހދ. ނައިވާދޫގައި ޕަޑީ އޯޕަން ވޯޓަރ ޑައިވް ކޯހެއް ފަށައިފިއެވެ.

މި ކޯހަކީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ (ގަޕޯ) ފަންޑުކޮށްގެން ކުރިއަށް ގެންދާ ކޯހެއްކަމަށް މަޢުލޫމާތު ލިބެއެވެ.

Ad
rt

ނައިވާދޫ ޑައިވް ސެންޓަރާ ގުޅިގެން ކުރިއަށްގެންދާ މި ކޯސް ކިޔަވައިދެނީ ނައިވާދޫ ޑައިވް އެންޑް ވޯޓަރސްޕޯޓްސްގެ އޯނަރ އިންސްޓްރަކްޓަރ މަންސޫރު ޢަލީއެވެ. މި ކޯސް ނިންމުމާއި ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ވަރަށް ކުލަގަދަކޮށް ނައިވާދޫގައި މެއި މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

10 ޒުވާނުން ބައިވެރިވި މި ކޯހުގެ އިފްތިތާޙީ ރަސްމިއްޔާތު ބޭއްވުނީ ބުރާސްފަތި ދުވަހުއެވެ. މި ރަސްމިއްޔާތަށް އެމްޕީ ގަޕޯ ނައިވާދޫއަށް ވަޑައިގެން ކޯސް ފެށުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދެވިއެވެ.

ފެށުމުގެ ރަސްމިއްޔާތުގައި އެމްޕީ ގަޕޯ ފާހަގަކުރެއްވި ބައެއް ނުކުތާތަކުގެ ތެރޭގައި، މިފަދަ ކޯހެއް މި ހިސާބުގައި ބޭއްވުމަކީ ލޯކަލް ޓޫރިޒަމް އިތުރަށް ކުރިއަރައިގެން ދާނެ ކަމެއްކަމަށާއި ހަނިމާދޫ އެއަރޕޯޓް ނިމުމާއެކު ލޯކަލް ޓޫރިޒަމް މި ހިސާބުގައި ވަރަށް ބާރަށް ކުރިއަރައިގެން ދާނެ ކަމަށްވުމުން މިހާރު މިއީ ލޯކަލް ޓޫރިޒަމާ ގުޅުން ހުރި ކަންކަން ފަށައިގަތުމުގެ އެންމެ މުހިންމު ވަގުތުކަން ފާހަގަކުރެއްވި އެވެ.

"ކޮންމެ ކަމެއްގައި ވެސް އުންމީދެއް އޮންނަންޖެހޭނެ ކަމަށް. އެގޮތުން ނައިވާދޫ ޒުވާނުން ލޯކަލް ޓޫރިޒަމަށް ތި ކުރާ އުންމީދު އިރާދަކުރެއްވިއްޔާ ޙާޞިލްވާނެކަން."

ގަޕޯ ވިދާޅުވި އެވެ.

ނައިވާދޫ ޑައިވް ސެންޓަރުގެ ބޭސް ލީޑަރ މަންޗް ނައިވާދޫގައި ލޯކަލް ޓޫރިޒަމް ފުޅާ ކުރުމަށް އެ ކުރާ މަސައްކަތް ބަލައިގަނެ ތިގޮތުގައި އަބަދުވެސް ދެމި ހުރުމަށް ގޮވާލެއްވި އެވެ.

މި ކޯހަކީ ނައިވާދޫގެ ޒުވާނުންނަށް ޑައިވިންގ ދަސްކޮށްދީ، ލޯކަލް ޓޫރިޒަމްގެ ދާއިރާގައި މަސައްކަތްކުރުމަށް މަގުފަހިކޮށްދޭނެ ކޯހެއްކަމަށް އިންތިޒާމްކުރާ ފަރާތުން މަޢުލޫމާތު ދެއްވާފައިވެއެވެ.