މެލޭޝިޔާގެ ކުއާލަލަމްޕޫރުގައި ދިވެހި ޕާސްޕޯޓާއި އައިޑީކާޑު ހަދައިދިނުމުގެ ޚިދުމަތްތަށް މިއަދު ފަށައިފިއެވެ.

ރާއްޖެއިން ބޭރުގައި އުޅޭ ދިވެހިންނަށް ލުއި ފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގެ މަޤުސަދުގައި، މި ޙިދުމަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔަ ޑރ. މުޙައްމަދު މުޢިއްޒެވެ.

Ad
rt

ރައީސް މުޢިއްޒު މެލޭޝިޔާއަށް ކުރަމުންދާ މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

އެގޮތުން މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި މި ޚިދުމަތް ފައްޓާވައިދެއްވުމަށްފަހު ދެ ފަރާތަކަށް އައިޑީކާޑު އަދި ޕާސްޕޯޓު ވަނީ ހަވާލުކޮށްފައެވެ. ޕާސްޕޯޓު އަދި އައިޑީކާޑު ހަވާލުކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާނެވެ.

މި ދަތުރުފުޅުގެ އަމާޒަކީ، މެލޭޝިޔާއާއި ރާއްޖޭގެ ގުޅުން އިތުރަށް ހަރުދަނާކުރެއްވުމާއި، ދެ ޤައުމުގެ ލީޑަރުންގެ ހާޒިރުގައި މުހިންމު ދާއިރާތަކުން އެއްބާރުލުންދިނުމުގެ އިތުރުން، ފަހުމުނާމާތަކުގައި ސޮއިކުރައްވައި ނޯޓް އެކްސްޗޭންޖްތައް ކުރިއަށްގެންދިއުންކަމުގައި ދިވެހި ސަރުކާރުން ވިދާޅުވެއެވެ.

މެލޭޝިޔާގެ އިތުރުން މި ޚިދުމަތް ވަނީ ދިވެހީން އާންމުކޮށް ގޮސް އުޅޭ ޤައުމުތަކުގެ ތެރެއިން އިނގިރޭސިވިލާތާއި، ސްރީލަންކާ އަދި އިންޑިއާގައި ފެށުމަށް ހަމަޖެހިފައެވެ. އެގޮތުން މެލޭޝިޔާއަކީ، ރާއްޖެއިން ބޭރުގައި މި ޚިދުމަތް ދޭން ފެށި ފުރަތަމަ ޤައުމެވެ. އަދި ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ޤައުމެއްގައިވެސް މި ޚިދުމަތް މި ޚިދުމަތް ލިބުމުގެ މަގު ތަނަވަސްކޮށްދިނުމެވެ.