މި ސަރުކާރަކީ އަބަދުވެސް އިންސާފުގެ މަގުން ކަންތައްތައް ކުރާ ސަރުކާރެއް ކަމަށާއި، އެއްވެސް ރައްޔިތަކަށް ތަފާތު ނުކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ރައީސް މި ޔަޤީންކަން ދެއްވީ، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރް އިބްރާހީމްގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އެ ޤައުމަށް ފުރާވަޑައިގަތުމުގެ ކުރިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުންނަވައި މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައެވެ.

Ad
rt

އެ މަނިކުފާނު ބަސްދީގަތުމުގައި މިހެން ވިދާޅުވީ، "2025 އެޕްރީލް 18 ވަނަ ދުވަހު މާލޭގައި ހިނގި ހާދިސާ ތަޙުޤީޤުކުރާ، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ކޮމިޝަން" ގައި އުފައްދަވާފައިވާ ގިނަ ބާރުތަކަކާއެކުކަމަށް ފާހަގަކުރައްވަމުންނެވެ.

އެގޮތުން އެ ކޮމިޝަނުން ހަޤީޤަތް ހޯދުމުގައި އަދި ބަލަންޖެހޭ ކަމެއް ބެލުމުގައި، އެއްވެސް ކަހަލަ ހުރަހެއް ނޯންނާނެ ކަމަށާއި އެފަދަ ހުރަހެއް ކުރިމަތިވެސް ނުކުރެވޭނެ ކަމުގެ ޔަޤީންކަން އެ މަނިކުފާނުގެ ވާހަކަފުޅުގައި ދެއްވިއެވެ. އަދި އެ ކޮމިޝަނަށް ސުވާލު ނުކުރެވޭނެ ފަރާތެއް، އަދި ޓަކި ނުޖެހޭނެ ދޮރެއް ނުހުންނާނެ ކަމަށާއި، ބޭރު ޤައުމަކުން އެހީ ހޯދަން ޖެހުނަސް އެކަން ކުރުމުގެ ބާރުވެސް ދެއްވާފައިވާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

"ކުށްކުރި ފަރާތަކީ ކޮބައިތޯ ބަލައި އެފަރާތްތަކަށް، އެއީ ކޮންމެ ފަރާތެއްވިޔަސް، އެފަރާތަކަށް ގާނޫނު އަސާސީއާއި ގާނޫނުތަކުގެ ތެރެއިން އޮންނަ އުސޫލުގެ ތެރެއިން، އޮންނަ އަދަބެއް ދިނުން، ނޫނިއްޔާ އޮންނަ ގޮތަކަށް އެކަމެއް ކުރުން. އެއްވެސް މީހެއް އަޅުގަނޑަކަށް މުހިންމެއް ނޫން، އެ އިންސާފު ޤާއިމު ކުރުމުގައެއް، ރޫލް އޮފް ލޯ އެސްޓެބްލިޝް ކުރުމުގައެއް." ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، އެއްވެސް ރައްޔިތަކާއިދޭތެރޭ ތަފާތުކުރުމަކީ އަދި އަނިޔާވެރިވުމަކީވެސް މިއަދާއި ހަމައަށް އައިއިރުގައިވެސް އަދި ކުރިއަށް އޮތްތާނގައިވެސް، އެ މަނިކުފާނުގެ ހަމައެއް ނުވަތަ އުސޫލެއްވެސް ނޫން ކަމަށާއި، މިހާރު ހިނގައިގެން އުޅޭ ހިތާމަވެރި ހާދިސާގައިވެސް އެ މަނިކުފާނު އެންމެ ފުރަތަމަ ދުވަހުން ފެށިގެން މިއަދާއި ހަމައަށްވެސް ގެންގުޅުއްވާ އުސޫލަކީ މިކަމުގެ ހަޤީޤަތް ހޯދައި، އިންސާފު ޤާއިމްކޮށްދިނުން ކަމަށެވެ.

ހަމައެހެންމެ، ކޮމިޝަންގެ މަސައްކަތާއެކު ވަރަށް ދެފުށް ފެންނަ ގޮތެއްގައި، ވަރަށް ޒިންމާދާރު ގޮތެއްގައި މި މައްސަލަ ބަލައި ނިމި، އެއްވެސް މީހަކަށް ތަފާތު ނުކުރެވޭކަން ކަށަވަރު ކުރެވި، ހުރިހާ ސުވާލެއްގެ ޖަވާބު ލިބި، ކަންކަން ސާފުވާން އުންމީދުކުރައްވާކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.